ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަވަމުން 'އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް'ގެ ނަމުގައި އައު އިންޑެކްސްއެއް ތައާރަފުކުރަން ނިންމާފައިވާކަމަށް މިނިސްޓަރު ސައީދު ވިދާޅުވި ނަމަވެސް މިހާރު ވެސް ސީޕީއައި (ކޮންޒިއުމާ ޕްރައިޒް އިންޑެކްސް) ބޭނުންކޮށްގެން ސްޓެޓިސްޓިކްސް ބިއުރޯއިން ތަކެތީގެ އަގުތައް އުފުލޭ މިންވަރު ދެނެގަނެވޭކަން ފާހަގަކޮށްލެވެއެވެ.
އަދި ހުސްވި ޖޫން މަހު ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ސީޕީއައި ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގެ އިންޕްލޭޝަން 3.76 ޕަސެންޓުގައި ހުރި އިރު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަހު ރެސްޓޯރަންޓުތަކުން ވިއްކާ ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 29.6 ޕަސެންޓުގައެވެ. އަދި ހުސްވި ޖޫން މަހު އެ ދާއިރާތަކުގެ އިންފްލޭޝަން ހުރީ 29.4 ޕަސެންޓުގައި ކަމަށްވާއިރު، އެއީ މި އަހަރު އެންމެ ބޮޑަށް އިންފްލޭޝަން އުފުލުނު ދާއިރާ ކަމަށް ވެސް އެ ތަފާސް ހިސާބުން ދައްކައެވެ.
މިނިސްޓަރު ސައީދު ރޭ ވިދާޅުވީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއެކު ވަރަށް އަވަހަށް އުފައްދާ އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސްއިން ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަންނާނެ ކަމަށާ، އެ އިންޑެކްސްގެ ދަށުން މޮނިޓަކުރުމަށް 162 އައިޓަމް ހިމަނާފައިވާނެ ކަމަށެވެ.
އޭގެ ތެރޭގައި ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމަށް ބޭނުންކުރާ 111 އައިޓަމަކާއި، މޭވާއާއި ތަރުކާރީގެ 39 ބާވަތަކާއި، މަހުގެ 10 ބާވަތެއްގެ އިތުރުން ހަކަތައިގެ ދެ އައިޓަމް ހިމެނޭ ކަމަށާ، އޭގެ ތެރެއިން ވެސް، 'ކްރިޓިކަލް އައިޓަމް'ގެ ގޮތުގައި, ބަދަލުގައި އެހެން އެއްޗެއް ބޭނުންނުކުރެވޭ 35 ބާވަތް ފާހަގަކޮށްފައިވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އަދި މި އާ އިންޑެކްސްއާއެކު މަސް ނިމުމުން އެ ތަކެތީގެ އަގުތައް އުފުލިފައިހުރި މިންވަރު ދެނެގަނެވޭނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އަދި ކާބޯތަކެތީގެ އަގުތައް ދެނެގަތުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް ބޮޑެތި ފިހާރަތަކުގައި ތަކެތި ވިއްކާ އަގުތައް ދެނެގަންނާނެ ކަމަށް ވެސް ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވިއެވެ.