އެ މިނިސްޓްރީން އިއްޔެ ނެރުނު ލިސްޓުގައި 10 ބާވަތެއްގެ ތަރުކާރީ އާއި 10 ބާވަތެއްގެ މޭވާ އާއި، އަދި އެހެނިހެން ތިން ބާވަތެއް ހިމެނޭއިރު، މިނިސްޓްރީން ބުނީ ލިސްޓުގައި ހިމެނޭ ކާބޯތަކެތި އެސްޓީ އޯއިން ހޯލްސޭލްކޮށާއި ރީޓެއިލްކޮށް ވެސް ވިއްކާނެ ކަމަށެވެ.
ކާބޯތަކެތީގެ ގިނަ ބާވަތްތަކެއްގެ އަގު ވަރަށް ބޮޑުވެފައިވާއިރު ވިޔަފާރިވެރިން ބުނަނީ އެގޮތަށް އެކަން ދިމާވަނީ މުދާ އެތެރެ ކުރަން ޑޮލަރު ގަންނަން ޖެހޭ އަގު ބޮޑުވުމުން ކަމަށެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 20 އިން މަތީގައެވެ. ރާއްޖޭގައި ޑޮލަރެއްގެ އަގު މިހާ މައްޗަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ.
އެސްޓީއޯ މެދުވެރިކޮށް 23 ބާވަތެއް އެތެރެ ކުރުމަށް މި ސަރުކާރުގެ ކެބިނެޓުން ނިންމާފައިވަނީ ފާއިތުވި ހަފުތާގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެހެން އެކަން ނިންމީ، އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ބައެއް ބާވަތްތައް ރާއްޖޭގެ ބާޒާރުގައި އިންތިހާއަށް އަގު ބޮޑުވެ, ރައްޔިތުން އެކަމުގެ ޝަކުވާތައް ކުރަން ފެށުމުންނެވެ.
ނަމަވެސް ރައީސް މުއިއްޒު މިކަމާގުޅިގެން ވިދާޅުވެފައި ވަނީ، މިއީ ކާނާގެ ކަށަވަރުކަން ޔަގީން ކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
އެސްޓީއޯއިން އެތެރެ ކުރާނެ އަސާސީ ކޯބާތަކެތީގެ ގޮތުގައި، އިކޮނޮމިކް މިނިސްޓްރީން އާންމުކުރި ލިސްޓްގައި ހިމެނޭ މޭވާގެ ބާވަތްތަކަކީ:
ދޮންކެޔޮ، އާފަލު، އޮރެންޖް، ލުނބޯ، ޕެޝަން ފްރުޓް، މޭބިސްކަަދުރު، ކަރާ، އަނބު، ފަޅޯ
އެ ލިސްޓްގައި ހިމެނޭ ތަރުކާރީގެ ބާވަތްތަކަކީ: ފިޔާ (ރަތް)، އިނގުރު، ކެރެޓް، ލޮނުމެދު، އަލުވި، ކައްޓަލަ، ބަށި، ބޯވެލި (ސްޕިނިޗް)، ބަރަބޯ، ކެބެޖް، މިރުސް
އެ ލިސްޓްގައި ހިމެނޭ އެހެނިހެން ބާވަތްތަކަކީ: މުގު (ރީނދޫ)، ކުކުޅު ބިސް އަދި ކާއްޓެވެ.
މި ތަކެތި އަންނަ މަހުގެ 15 އިން ފެށިގެން އަގުހެޔޮކޮށް ލިބޭނެ ކަމަށް, އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.