ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ އޮންގްގެ މައްޗަށް ސާބިތުވީ ސިންގަޕޫރުގެ ކުރީގެ ޓްރާސްޕޯޓު މިނިސްޓަރު، ސުބްރަމަނިއަމް އިސްވަރަންއަށް އަގުބޮޑު އެތައް ހަދިޔާއެއްދީ އޭނާގެ މައްޗަށް ހިންގި ކޮރަޕްޝަންގެ ތަހުގީގަކަށް ފިލަން ހެކި ފޮރުވަން އެހީތެރިވިކަމުގެ ކުށެވެ.
އޮންގްގެ މައްޗަށް ދައުވާ ކުރީ އަދުލުއިންސާފަށް ހުރަސްއެޅުމާއި ދައުލަތުގެ މުވައްޒަފަކަށް ހަދިޔާ ހުށަހަޅައިގެން ކުށް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވީ މިމަހު 4 ގައި އޮތް ޝަރީއަތުގެ މަޖިލިސްގައި އިއުތިރާފު ވުމުންނެވެ. އޮންގްގެ މައްޗަށް ހުކުމް އިއްވީ އިއްޔެ އެވެ.
ކޮރަޕްޝަންގެ ހެކި ފޮރުވުމުގެ ކުށް ސާބިތުވުމުން އޮންގްއަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބަކީ 7 އަހަރުދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް 79 ނުވަ އަހަރުގެ އޮންގްއަށް އެ އަދަބު ނުދިނީ އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރު، ލީ ލިޓް ޗެންގް ވިދާޅުވި އެވެ.
އޮންގްއަކީ މަލްޓިޕްލް މަޔަލޯމާގެ ބަލި ތަހަންމަލު ކުރަމުންދާ މީހެކެވެ. މަލްޓިޕްލް މަޔަލޯމާއަކީ ކަށީގެ މަދަށް ޖެހޭ ކެންސަރެކެވެ.
އޮންގްއަކީ ރާއްޖޭގައި ވެސް ނުފޫޒުގަދަ ވިޔަފާރިއެކެވެ. އޭނާގެ ކުންފުނި ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ތެރޭގައި ހިމެނެނީ؛ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު، ސިކްސް ސެންސަސް ލާމު، ސިކްސް ސެންސަސް ކަނުހުރާ، ހޮލިޑޭ އިން ކަނޑޫމާ، ގިލި ލަންކަންފުށި، ފޯ ސީޒަންސް ކުޑަ ހުރާ، ފޯ ސީޒަންސް ލަނޑާގިރާވަރު، ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެޓް ވޯވަށް އެވެ.
މި ރިސޯޓްތަކުގެ އިތުރުން އޮންގްގެ ކުންފުނިން ރިސޯޓް ތަރައްގީކުރަން ކުއްޔަށް ނަގައި އަދި ނުހަދާ ހުރި ރަށްތައްވެސް އެބަހުއްޓެވެ.
އޮންގްއަކީ ރާއްޖޭގެ ބައެއް ސިޔާސީ ބޮޑުންނާއި ބައެއް ވިޔަފާރިވެރިންނާ ވަރަށް ގާތް ގުޅުން އޮންނަ މީހެކެވެ. 2012 ފެބްރުއަރީ 7 ގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް އޮންގް ހަރަދު ކުރިކަމަށް ގިނަބަޔަކު ކިޔާއުޅެއެވެ. އޭގެ ފަހުން އެކުލަވާލި ވަހީދުގެ ވެރިކަމުގައާއި ޔާމީންގެ ވެރިކަމުގައި އޮންގަށް ވަރަށް ބޮޑު ފައިދާ ވިކަމަށް ތުހުމަތު ކުރެވެއެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުންވެސް އޮންގަށް މަންފާވި ކަމަށް ތުހުމަތު ކުރެވެއެވެ.