ގައުމު އިންތިހާއަށް ދަރަނިވެރިވެ، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އަތްނުފޯރާ ފަށަށް މަތިވެ، ތަރައްގީގެ ނަމުގައި ގާބުރިއެއްވެސް ނުބޭއްވި، ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާ ތައް ވެސް ސަރުކާރުގެ މުށުތެރެއަށްލާ މިނިވަން މީޑިއާ ނެތިކޮށްލާ ގައުމު ފަހަތަށްދާ ކަމުގެ ކަންބޮޑުވުންތައް ތަކުރާރުކޮށް ފާހަގަކުރަމުން އަންނަ މެންބަރު އައްބާސް ރައްޔިތުން މަގުތަކަށް ނުކުމެ މަގުތަށް ފުރާލުމަށް ގޮވާލާފައި މިވަނީ އެބޭފުޅާ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
އިންޑޮނޭޝިއާގެ މަޖިލިސް މެންބަރުންނަށް އިތުރު އިނާޔަތްތައް ދޭތީ އެ ގައުމުގެ ރައްޔިތުންގެ ރުޅިވެރިކަން އިންތިހާއަށް ގޮސް، ސަރުކާރާ ދެކޮޅަށް ނުކުމެއްޖެ ކަމަށް ލިޔެފައިވާ ޚަބަރެއް ހިއްސާކުރައްވާ އައްބާސް ވިދާޅުވެފައި ވަނީ، އިންޑޮނޭޝިއާ އިން ވެސް ފެނިގެން އެދަނީ، އެއީ މި ގައުމުގެ ވެސް މިހާރުގެ ހާލަތު ކަމަށެވެ.
"ރައްޔިތުން ނިދިން ހޭލާ ހޭވެރިކަން ވާންވީ ވަގުތުމީ! މީ މިއަދު މިގައުމުގެވެސް ހާލަތު. މިހާލަތުން ގައުމާއި ރައްޔިތުންނަށް މިންޖުވެވޭނީ ރައްޔިތުން މަގުތަކަށް ނުކުމެ މަގުތަށްފުރާލާ، ސަރުކާރު ޖަވާބުދާރީ ކުރުވައިގެން." އައްބާސްގެ އެކްސް ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
އައްބާސް މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން "ލޫޓުވައިފި ލޫޓުވައިފި" ނަމުގައި، އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ފެށުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އަދި އެ މުޒާހަރާ މި ސަރުކާރު ހަމަ މަގަށް އެޅުވެން ދެން ސިލްސިލާގޮތެއްގައި ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެކަމަށް ވެސް އެމްޑީޕީން ބުނެއެވެ.