މަނަދޫ ދާއިރާގެ ރައީސް ތޯރިގް، ގަރާރު ހުށަހަޅުއްވަނީ.-- ފޮޓޯ: އެމްޑީޕީ
ސަރުކާރު ހަމަމަގަށް އެޅުވުމަށް އޮކްޓޯބަރު 3 ގައި މުޒާހަރާކުރަން އެމްޑީޕީން ފާސްކޮށްފި
ފިޔެސް 1 ސެޕްޓެމްބަރ 2025 (ހޯމަ)   22:59
ސަރުކާރުގެ ނޭއްގާނީ އަމަލުތަކާ ދެކޮޅަށް 3 އޮކްޓޯބަރު 2025 ދުވަހު މާލޭގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށާއި، އެއާއެކު ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބުވުމާ ހަމައަށް އެ އިހުތިޖާޖުތައް ސިލްސިލާގޮތުގައި ކުރިއަށް ގެންދިއުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.

މިރޭ އެމްޑީޕީ މައި ހަރުގޭގައި ކުރިއަށްދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ 26 ވަނަ ޖަލްސާ އަށް އެ ގަރާރު ހުށަހެޅުއްވީ މަނަދޫ ދާއިރާގެ ރައީސް މުޙައްމަދު ތޯރިގެވެ.

އެ ގަރާރުގައި ބުނާގޮތުން ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ހިންގަމުން ގެންދިޔަ އެންމެހައި މަޝްރޫއުތައް ވަނީ ހުއްޓާލާފައެވެ. ރައްޔިތުންނަށް ހިދުމަތްކުރުމަށް ސަރުކާރަށް އޮތް އަސާސީ ޒިންމާ އަދާކުރަމުން ނުގެންދެއެވެ.

"ސަރުކާރުން ކުރަމުން ގެންދާ ވައްކަންތަކާއި، ސަރުކާރުގެ ހިޔާނާތާއި ވައްކަމާއި ބޭއިންސާފުގެ އެއްވެސް ވާހަކައެއް އާންމު ރައްޔިތުންނާ ހަމައަށް ތިލަވިޔަނުދިނުމަށާއި، މައުލޫމާތު ލިބުމުގެ ހައްގުން ރައްޔިތުން މަހުރޫމުކުރުމަށްޓަކައި މ. ދިމްޔާތު މުހައްމަދު މުއިއްޒުގެ އެންގުމަށް މިނިވަން މީޑިއާ ނައްތާލުމަށް ހާއްސަކޮށްގެން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިގެން އެ ބިލު ގާނޫނަކަށް ހެދުމަށް މަސައްކަތްކުރަމުން" ދާކަން އެ ގަރާރުގައި ބުނެފައި ވެއެވެ.

your imageއެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގެ ތެރެއިން.--

ގަރާރުގައި ބުނެފައިވާގޮތުން ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަމާއި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ގެއްލުވާލަން ބަޔަކު މަސައްކަތްކުރާ ކޮންމެ ފަހަރަކު އެކަމަށް ހުރަސްއަޅައި، ރާއްޖެ ހަމަމަގަށް އެޅުވުމަށް ނުކުންނަނީ އެމްޑީޕީގެ ހިތްވަރު ގަދަ މެންބަރުންނެވެ.

"މިސަރުކާރުން ކުރަމުން ގެންދާ ވައްކަންތަކާއި، ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައާއި، ރައްޔިތުންގެ އަސާސި ހައްގުތަކަށް ހުރަސްއެޅުމާއި، އަދުލުއިންސާފަށް އަތްބޭނުމާއި، ރައްޔިތުންގެ އާންމު ހާލަތު ދަށްވުމާއި، ދިވެހިރާއްޖޭގައި ދިރިއުޅުމަކީ ތަކުލީފަކަށް ވަމުން ދިއުމާއި، މިކަންކަމުގެ މައުލޫމާތު ފެތުރުމަށް އޮތް މިނިވަން މީޑިއާ ނެތިކޮށްލުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި މިޕާޓީން 3 އޮކްޓޯބަރު 2025 ދުވަހު މާލޭގައި މިސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށާއި، އެއާއެކު ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބުވުމާ ހަމައަށް މި އިހުތިޖާޖުތައް ސިލްސިލާގޮތުގައި ކުރިއަށް ގެންދިއުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލިސް އިގުރާރުވަމެވެ." ރައްޔިތުންގެ މަޖިލީހާއި ޚާއްސަ މަޖިލީހުގެވެސް މެންބަރުކަން ކުރެއްވި ތޯރިގް ހުށަހެޅި ގަރާރުގައި ވެއެވެ.

މި ގަރާރު ހުށަހެޅުމާއެކު އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ފަރާތުން ގަރާރަށް ޕެރެގްރާފެއް އިތުރުކުރިއެވެ. 

"ދިވެހިރާއްޖޭގެ އެތެރޭގެ އިގްތިސޯދު އެކީއެކަށް ފުނޑިގެން ގޮސް ބޭރުގެ ދަރަނި ނުދެއްކި ރައްޔިތުންގެ އަސާސީ ޒަރޫރުތައްވެސް ކުރިއަށް އޮތް ކައިރި މުސްތަގުބަލުގައި ހަމަނުޖެއްސިދާނެ ކަމުގެ ބިރު އިންތިހާއަށް އޮތުމުންނާއި އެފަދަ ހާލަތަކުން ގައުމު ސަލާމަތްކުރާނެ ފިކުރެއް، ޕްލޭނެއް ސަރުކާރަށް ދެއްކިފައި ނުވާ ތަނުގައި މުޅި ދިވެހިރާއްޖެ ބަނގުރޫޓް ވުމުގެ ފުރުސަތު ބޮޑުވެފައިވާތީ އާއި ދުނިޔޭގައި މިހާތަނަށް ހިނގަމުން އައި ނިޒާމު ބަދަލުވުމުގެ އޮއިވަރު ހިނގަމުންދާ ވަގުތެއްގައި ދުނިޔޭގެ ބޮޑެތި ބަރުތަކުގެ ނަޒަރު އިންޑިއާ ކަނޑާ ދިމާއަށް ހުއްޓެމުންދާ ވަގުތެއްގައި ދިވެހިރާއްޖެ މިހާރު އޮތް ހާލަތުން ދިވެހިރާއްޖޭގެ އިސްތިގުލާލު ސިޔާދަތާއި މިނިވަންކަމަށް ނުހަނު ނުރައްކާ ކުރިމަތިވެ އަދި މުޅި އޭޝިޔާ ބައްރުގެ ހަމަޖެހުމަށް ބުރޫއެރުމުގެ ފުރުސަތު ބޮޑުވެފައިވާތީ ދިވެހިރާއްޖެ އެފަދަ ނުރައްކަލަކުން ސަލާމަތް ކުރުމުގެ މުހިންމުކަން އިންތިހާއަށް ބޮޑުކަމަށް ފެންނާތީ" ސަރުކާރާ ދެކޮޅަށް ނުކުންނަންޖެހޭ އިތުރު ސަބަބެއްގެ ގޮތުގައި ޗެއާޕާސަންގެ ފަރާތުން ހިމެނިއެވެ. 

ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ އެ ގަރާރަށް ތާއީދުކުރައްވާ ވާހަކަ ދައްކަވާފައެވެ. ގަރާރު ފާސްކުރީވެސް ގައުމީ މަޖިލިސް ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ރިޔާސަތުން ހާމަކުރި ގޮތުގައި ގައުމީ މަޖިލީހުގެ މިރޭގެ ކުއްލި ޖަލްސާގައި އެ މަޖިލީހުގެ 45 މެންބަރަކު ބައިވެރިވެ ވަޑައިގަތެވެ. 

ކޮމެންޓް