ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލު، މަޖިލީހަށް ވެއްދުމުން ނޫސްވެރިން އިހުތިޖާޖުގައި
އެޖެންޑާގައި މީޑިއާ ބިލު، ނޫސްވެރިން މުޒާހަރާއަށް
ޖުނާން އަޙުމަދު 27 އޯގަސްޓް 2025 (ބުދަ)   07:49
ރައީސް މުއިއްޒު އަޑީގައި ހުންނަވައިގެން، މި ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުން އަންނަ އަމިއްލަ މެންބަރު ތުޅާދޫ ދާއިރާގެ ޢަބްދުލްހަންނާން އަބޫބަކުރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި، މީޑިއާ ނެތިކޮށްލާ ބިލުގެ ގޮތުގައި ނޫސްވެރިން ފާހަގަކުރާ ބިލު، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބާއްވާ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ބެލެވޭ ގޮތުގައި އެ ބިލް މަޖިލީހަށް ބަލައިގަތުމާމެދު މެންބަރުން ދެކޭ ގޮތެއް ބެލުމަށް މިއަދުގެ މަޖިލީހުގައި ވޯޓަށް އަހާނެ އެވެ.

މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް، ބިލު އަނބުރާ ގެންދިޔުމަށް މި ސަރުކާރަށް ގޮވާލާ ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ވެސް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ކުރިއަށްދަނިކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު އެޖެންޑާކޮށްފައި ވާއިރު، ޖަލްސާ ކުރިއަށްދާ ވަގުތު، މަޖިލިސްކުރާ ގޭ ދޮށުގައި ގިނަ އަދަދެއްގެ ނޫސްވެރިން މުޒާހަރާ ކުރުމަށް ވެސް ވަނީ ނިންމާފައިކަން ފާހަގަކޮށްލެވެއެވެ.

މީޑިއާ ނެތިކޮށްލާ ބިލުގެ ގޮތުގައި ނޫސްވެރިން ފާހަގަކުރާ މި ބިލުގެ މައިގަނޑު ފަރުމާކޮށްފައިވަނީ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާކޮށް، ނޫސްވެރިން ސީދާ ޖަލަށް ފޮނުވާލެވޭ ފަދަ ގޮތަކަށް ކަމަށާ، ނުބައި ވިސްނުމެއްގައި ތައްޔާރުކޮށްފައިވާ އެ ބިލުގައި ހައްގުތައް ހަނިކުރުން ނޫން އެހެންކަމެއް ނެތްކަމަށް ރާއްޖޭގެ ތަޖުރިބާކާރު ގިނަ ނޫސްވެރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ ވިދާޅުވެފައެވެ.

މި ބިލާ ބެހޭގޮތުން ރައީސް މުއިއްޒު އެންމެފަހުން ވިދާޅުވެފައި ވަނީ، އެ މަނިކުފާނުގެ ކޮންޓްރޯލް މީޑިއާއަށް އޮންނަ ގޮތަކަށް ބިލު ފާސްކުރަން ބޭނުންފުޅުނުވާ ކަމަށާ، ޕީއެންސީގެ މެންބަރުންނަށް މިހާރު އެކަން އަންގަވައިފައި ވެސް ވާނެކަމަށެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.

"އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ހުރިކަމެއްނޫން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ، އަޅުގަނޑު އެއްވެސް އިރެއްގައި ކުރި ކަމެއްވެސް ނޫން، ކުރާނެވެސް ކަމެއްނޫން. އެހެންނަމަވެސް ޒިންމާދާރު ކަމާއެކީގައި ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަން ޖެހޭނީ." ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިމޭރުމުން ވާހަކަ ދެއްކެވިއިރު، އެ ބިލު ބޭރުކުރުމަށް ރާއްޖޭގެ ގިނަ ނޫސްވެރިންގެ އިތުރުން ވެސް ގިނަ އާންމުންނާއި، ބައިނަލްއަގްވާމީ ގޮތުން ނޫސްވެރިކަމުގެ ދިފާއުގައި މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ ގޮވާލަމުންނެވެ.

ކޮމެންޓް