އަހުމަދު ސަލީމް އާއި ހީނާ ވަލީދު.--
ތިން އަހަރު ފަހުން ހުކުމްކުރީ ދައުވާ ރައްދުވި ފަރާތުގެ ލޯޔަރުފީ ދެއްކުމަށް
ޖުނާން އަޙުމަދު 22 ސެޕްޓެމްބަރ 2025 (ހޯމަ)   16:32
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސަލީމް އާ ބެހޭގޮތުން "ދިޔަރެސް" ނޫހުގައި ޝާއިއުކުރި ޚަބަރެއްގެ ސަބަބުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދަން އެ ނޫހާއި ނޫހުގެ އެޑިޓަރު ހީނާ ވަލީދުގެ މައްޗަށް ކުރި ދައުވާ އަށް ތިން އަހަރު ފަހުން ނިންމިއިރު ދައުވާ ރައްދުވި ފަރާތުގެ ގާނޫނީ ވަކީލުގެ ފީ، ދައުވާ ކުރި ފަރާތުން ދައްކަން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުގައި ސަލީމް ދައުވާ ކުރެއްވީ ސޯޝަލް މީޑިއާގައި އާންމުވި ބަދުއަހުލާގީ ވީޑިއޯއެއްގައި ހިމެނޭ އެކަކީ ސަލީމް ކަމަށް ބެލެވޭ ކަމަށް، ދިޔަރެސްގައި 2022 ޖޫން 25، ގައި ޝާއިއުކުރި ޚަބަރެއްގައި ބުނެފައިވާ މައްސަލައިގަ އެވެ. ސަލީމް ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރީ 2022 އޮގަސްޓް 1 ގައެވެ. ހުކުމް އިއްވީ 2025 ސެޕްޓެމްބަރު 21 ގައެވެ.

އެ ދައުވާގައި އެދުނީ ޚަބަރުގެ ސަބަބުން އަބުރަށް ހުތުރުވި ކަމަށް ކަނޑައަޅައިދިނުމަށާއި އެކަމުގެ މާއްދީ ބަދަލުގެ ގޮތުގައި 5،000 ރުފިޔާ އާއި މައުނަވީ ގެއްލުމުގެ ބަދަލަށް 10 މިލިޔަން ރުފިޔާ އަދި ގާނޫނީ ވަކީލުގެ ފީއަށް 50،000 ރުފިޔާ ނަގައިދިނުމަށެވެ.

ސަލީމް މި ދައުވާ ކުރެއްވުމުގެ ކުރިން އޮތީ އޭރު އޮތް މީޑިއާ ކައުންސިލަށް ވެސް ޝަކުވާ ހުށަހަޅުއްވައިފަ އެވެ. އެހެންވެ ދައުވާލިބޭ ފަރާތްތަކުން ދިފާއުގައި އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ އެއީ އެވެ. މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާ ފޯމުގައި އެ މައްސަލައަކާ ބެހޭ އެހެން ދައުވާތަކުގެ ހައްގު ދޫކޮށްލަން އިގުރާރުވެ ސޮއިކުރަން ޖެހެ އެވެ.

މީޑިއާ ކައުންސިލަށް ޝަކުވާ ހުށަހަޅާ ފޯމުގައި އޮންނަ އިގުރާރުގައި ވަނީ "...އަހުރެން މި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހާ މައުލޫމާތަކީ، ސައްހަ ތެދު މައުލޫމާތުކަމަށާއި މި ފޯމުން ހުށަހަޅާ ޝަކުވާ އަކީ ގާނޫނަކުން ލިބިދޭ ހައްގަކުން ދައުވާ އުފުލިދާނެ ފަދަ ޝަކުވާއެއް ކަމަށްވާ ނަމަ، އެ ގާނޫނީ ހައްގު ދޫކޮށްލަން އިގުރާރު ވަމެވެ. މިކަމަށް މި އިގުރާރުވަނީ ދޫކޮށްލާ ހައްގުގެ ބާވަތާއި މިންވަރާއި އެކަމުން ނުކުންނާނެ ނަތީޖާއާ މެދު ފުރިހަމައަށް ވިސްނުމަށް ފަހުގަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ހޯދަންޖެހޭ ގާނޫނީ ލަފާ ވެސް ހޯދުމަށް ފަހު އަމިއްލަ އިހްތިޔާރުގަ އެވެ."

އެހެންނަމަވެސް ފިޔެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓަށް މައްސަލަ ހުށަހެޅުމުން މީޑިއާ ކައުންސިލުން ނިންމީ މި މައްސަލަ އެ ކައުންސިލުން ނުބެލުމަށެވެ. 

ތިން އަހަރު ފަހުން ސިވިލްކޯޓުން މައްސަލަ ނިންމައި އެކޯޓުގެ ގަޒިއްޔާ ނިމުނު ގޮތުގައި ފާހަގަކޮށްފައިވަނީ "ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރާ ގުޅޭ މައްސަލައެއް ދައުވާކުރާ ފަރާތުން މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާފައިވަނީ އެ ޚަބަރާ ގުޅިގެން އަބުރާބެހުމުގެ ދައުވާއެއް ކުރުމުގެ ހައްގު އޮތްކަމުގައިވާނަމަ އެ ހައްގު ދޫކޮށްލުމަށްފަހު ކަމުގައިވާއިރު، އެ ޚަބަރާ ގުޅިގެން ދައުވާކުރާ ފަރާތުގެ އަބުރު ގެއްލިފައިވާކަމާއި އަދި އެކަމުގެ ބަދަލު ހޯދުމަށް އެދޭ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެކަމަށް ނުދެކޭ" ކަމަށެވެ. 

އެހެންނަމަވެސް ސަލީމްގެ ދައުވާއާ ގުޅިގެން ދައުވާ ރައްދުވި ފަރާތުން ގާނޫނީ ވަކީލަށް ކުރަންޖެހުނު ހަރަދުގެ ގޮތުގައި 15،000ރ. ނަގައިދޭން ދައުވާ ރައްދުވި ފަރާތުން އެދިފައި ވާތީ ގާޒީ ޒުލައިހާ ޝީޒާ ނިންމެވީ ހީނާ އާއި ދިޔަރެސްއަށް އެ ފައިސާ ލިބިދޭންޖެހޭ ކަމަށެވެ. އަދި އެ އަދަދަކީ މުނާސަބު އަދަދެއް ކަމަށްވެސް ސިވިލްކޯޓުގެ ގަޒިއްޔާ ނިމުނު ގޮތުގައި ވެއެވެ.

"ދެންފަހެ އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، އަހްމަދު ސަލީމްގެ ފަރާތުން ދިޔަރެސް މީޑިއާ އަދި ހީނާ ވަލީދުގެ ކިބައިން މި ދައުވާއިން ހޯދުމަށް އެދުނު ފަރުވާތަކަކީ އަހްމަދު ސަލީމަށް ނަގައިދެވިދާނެ ފަރުވާތަކެއް ނޫން ކަމަށް ކަނޑައަޅައި، މި ދައުވާއާ ގުޅިގެން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 15،000 ރުފިޔާ އަހްމަދު ސަލީމް ދިޔަރެސް މީޑިއާ އަދި ހީނާ ވަލީދުއަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅައި" ވަނީ ހުކުމްކޮށްފަ އެވެ.

އެ ފައިސާ އިއްޔެއިން ފެށިގެން 7 ދުވަހުގެ ތެރޭގައި، ސިވިލް ކޯޓު މެދުވެރިކޮށް ދައްކައި ޚަލާސްކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މައްސަލަ ރަޖިސްޓްރީކުރިތާ 3 އަހަރުފަހުން ހުކުމް މިގޮތަށް ކުރިއިރު ހީނާ ވަލީދަކީ ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން އެވެ. އަދި އެންސްޕާގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވަނީ ހީނާ އެވެ. 

ކޮމެންޓް