މަޖިލީހުގެ ބައެއް މެންބަރުންގެ މާލީ ބަޔާންތައް އިއްޔެ އާންމުކުރަން ފަށާފައި ވާއިރު، އޭގެތެރެއިން ބައެއް މެންބަރުންނަށް ހަދިޔާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބިވަޑައިގެންފައި ވާކަމަށާ، އަދި ފްލެޓާއި ރޯ ހައުސް އަދި އަގުބޮޑެތި މުދާތައް ހިލޭ ލިބިވަޑައިގެންފައިވާ ކަމަށް މާލީބަޔާނުގައި ވަނިކޮށް، ދިޔާނާ މިހެން ވިދާޅުވީ އެކަމަނާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ދިޔާނާ ވިދާޅުވީ، މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ، ހަދިޔާއާ ރިޝްވަތާ ދެމެދު އޮންނަ ރޮނގު ވަރަށް ހަނިވާނެ ކަމަށެވެ. އަދި އެކަމަކީ ޤާނޫނަކުން މަނާކުރާ ކަމެއްކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
"ސަރުކާރުގެ މުވައްޒަފުންނަށް ހަދިޔާގެ ގޮތުގައި ދެވޭ ފައިސާ އަދި ވަކި އަގެއްގެ މަތީގެ އެހެނިހެން ބާވަތްތަކުގެ ހަދިޔާތައް ބަލައިގަތުން ޤާނޫނުގައި ވަނީ މަނާކޮށްފަ،" ދިޔާނާ ވިދާޅުވިއެވެ.
އެހެންކަމުން އަގުބޮޑު ހަދިޔާއާއި ހަދިޔާގެ ގޮތުގައި ދޭ ފައިސާ، ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ގަބޫލުފުޅެއް ނުކުރެއްވޭނެ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.
އިއްޔެ އާންމުކޮށްފައިވާ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުގެ ތެރެއިން، އެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް، 900،000 އަށް ވުރެ ގިނަ ރުފިޔާ، ހެޔޮއެދޭ ފަރާތްތަކުން ލިބިވަޑައިގެންފައިވާކަން އެމަނިކުފާނުގެ މާލީ ބަޔާނުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީ ތަމްސީލުކުރާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުގެ ނަމުގައި ދެ ބިމާއި ފްލެޓަކާއި ހިލޭ ލިބުނު ކަމަށް ބުނާ ރޯހައުސްއެއް އޮތްކަން ވެސް އޭނާގެ މާލީ ބަޔާނުން ހާމަވެއެވެ. ސުޖާއު ހުށަހެޅުއްވި މާލީ ބަޔާނުގައިވާ ގޮތުން އޭނާގެ ނަމުގައި ބިމާއި ފްލެޓާއި ރޯހައުސް ރަޖިސްޓްރީ ކުރީ 2015 ވަނަ އަހަރާއި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރާއި 2024 ވަނަ އަހަރެވެ.
އަދި ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި މައްސަލައެއް ބަލަމުންދާ، ސަރުކާރު ހިންގާ ޕީއެންސީ ތަމްސީލުކުރާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ މާލީ ބަޔާނުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ވެސް ހާމަވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.