ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު - ފޮޓޯ: މަޖިލިސް
މާލީ ބަޔާން ހުށަހެޅުމަށްވުރެ ނިޒާރުއަށް އަވަސްކުރަންވީ މީޑިއާއަށް ހުރަސްއަޅާ ބިލު
މާލީ ބަޔާން ހުށަނޭޅީ ނިޒާރުގެ އެކައުންޓަށް މުސާރަޔާ ނުބައްދަލު އަދަދަކަށް ފައިސާ ވަދެފައިވާތީ ކަމަށް ފިޔެސްއަށް މައުލޫމާތު ލިބޭ
ޖުނާން އަޙުމަދު 4 ސެޕްޓެމްބަރ 2025 (ބުރާސްފަތި)   11:03
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އިއްޔެއިން ފެށިގެން އާންމުކުރަމުންދާއިރު، އޭގެތެރެއިން ފަސް މެންބަރެއްގެ މާލީ ބަޔާން ހާމަނުކުރާތީ، އެ ޚަބަރު މީޑިއާތަކުން ރިޕޯޓުކުރުމާއެކު އެ 5 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު އެކަމާ ކޯފާވެ، މިނިވަން މީޑިއާއަށް ހުރަސްއަޅާ ބިލު އަވަސްކުރުމަށް ގޮވާލައްވައިފިއެވެ.

ޖުމްލަ 93 މެންބަރުންގެ ތެރެއިން 88 މެންބަރެއްގެ މާލީ ބަޔާން މިހާރު ހާމަކޮށްފައި ވާއިރު މަޖިލީހުގެ އިދާރާއިން މީޑިއާގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުގެ ތެރެއިން މިހާތަނަށް އެ އިދާރާއަށް ލިބިފައިވާ ހުރިހާ މާލީ ބަޔާނެއް މިހާރު ހާމަކޮށްފައިވާ ކަމަށެވެ. އެކަމަކު، ފަސް މެންބަރަކު މާލީ ބަޔާން ހާމައެއް ނުކުރެއެވެ.

މަޖިލީހުގެ މެންބަރުންގެ ތެރެއިން މާލީ ބަޔާން ހުށަހެޅި މެންބަރުންނާއި ހުށަނާޅާ މެންބަރުން ތަފްސީލުކޮށް އެ އިދާރާއިން އަދި ހާމަ ނުކުރި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިބޭއިރު މާލީ ބަޔާންތައް މިހާރު ފެންނަން ނެތީ ފަސް މެންބަރެެއްގެއެވެ.

އެ ފަސްމެންބަރުން ތިރީގައި އެވަނީއެވެ:

މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް

ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު

ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް

އިތުބާރުހުރި މަސްދަރަކުން ފިޔެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު ނިޒާރުގެ މާލީ ބަޔާން އެބޭފުޅާ ހުށަނޭޅުއްވީ އެބޭފުޅާގެ ބޭންކް އެކައުންޓަށް މުސާރަޔާ ނުބައްދަލު އަދަދަކަށް ފައިސާ ވަދެފައިވާތީ އެކަން އެ ދާއިރާގެ ރައްޔިތުންނަށް އެނގިދާނެ ކަމަށްޓަކައެވެ. ސަބަބަކީ އެ ދާއިރާގެ ބައެއް ރައްޔިތުން އެކިއެކި ކަންކަމުގައި ނިޒާރުގެ ފަރާތުން މާލީ އެހީތެރިކަމަށް އެދުމުން، އެވަރުގެ ފައިސާތަކެއް އެބޭފުޅާއަށް ލިބެމުންނުދާކަމަށް ވިދާޅުވެ އެ ރައްޔިތުންނަށް ހުއްޖަތް ދެއްކިފައި ވާތީއެވެ.

މާލީބަޔާން ހުށަނާޅާ މައްސަލައާ ގުޅިގެން މީސް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި މެންބަރު ނިޒާރު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާއްމުކުރި މިއީ ފުރަތަމަ ފަހަރު ނޫންކަމަށާ، ނަމަވެސް ރާއްޖޭގެ ބައެއް މީޑިއާތަކުން މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ މާލީ ބަޔާންތަކަށް މިދިނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

ނިޒާރު ވިދާޅުވީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މާލީ ބަޔާން، އެ އޮންނަ އުސޫލުގެ ތެރެއިން އާއްމުކުރަމުންދާ ކަމަށާއި އެގޮތަށް އެކަން ކުރަނީ މަޖިލީހުގެ ގަވާއިދުގައި ލިޔެވިފައިވާތީ ކަމަށާ، އެ ގަވާއިދާއި އެއްގޮތަށް އަމަލުނުކުރާ މެންބަރުންނާމެދު މަޖިލީހުން އެ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ޚާއްސަކޮށް މަޖިލީހުން އެފަދަ އެއްވެސް ފިޔަވަޅެއް ނުވަތަ ބަޔާނެއްވެސް ނެރެފައި ނުވަނީސް ބައެއް މީޑިއާތަކުން ލިސްޓު ހަދައި އާންމުކޮށް، ރައްޔިތުންނަށް ކަންކަން އޮޅޭގޮތަށް ޚަބަރު ޝާއިއުކުރުން ކުށްވެރިކުރައްވައި އޭނާ ގޮވައިލެއްވީ މީޑިއާ ކޮންޓްރޯލް ބިލު އަވަސްކުރުމަށެވެ.

މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމުގެ ގަވާއިދަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް، އެއް އަހަރު ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސާ ނިންމާފައި ވަނީ، ބަޔާން ދޭންޖެހޭނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މީޑިއާ ނެތިކޮށްލުމުގެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް، ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވާފައި ވާއިރު، ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށް ރައީސް އޮފީހަށާއި މަޖިލީހަށް އިއްޔެ ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އަދި މަޖިލީހުގައި އެ ބިލާގުޅޭ ޖަލްސާތައް ކުރިއަށްދިޔަ ވަގުތު، މަޖިލިސްކުރާ ގޭ ދޮށުގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި، އާންމުންގެ އިތުރުން ސިޔާސީ ގިނަ ފާރަތްތަކެއް ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

ކޮމެންޓް