ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް : ފޮޓޯ: މަޖިލިސް
ގައުމު ހަމަ މަގަށް އެޅުވުމަށް ކޮންމެ ޕާޓީއަކާ ގުޅިގެންވެސް އެމްޑީޕީން މަސައްކަތްކުރާނެ
ޕީއެންސީގެ މެންބަރުން މަޝްވަރާގެ އުސޫލު ބޭނުމެއްނުވޭ، މީޑިއާ ބިލަށް އިސްލާހު ގެންނާނެކަމަށް ގަބޫލެއް ނުކުރަން - އަމީން
ޖުނާން އަޙުމަދު 4 ސެޕްޓެމްބަރ 2025 (ބުރާސްފަތި)   15:21
ގައުމު ހަމަ މަގަށް އެޅުވުމުގައި ކޮންމެ ސިޔާސީ ޕާޓީއަކާ ގުޅިގެންވެސް މަސައްކަތްކުރަން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ޓީވީޕްރޮގްރާމެއްގައި މިއަދު އަމީން ވިދާޅުވީ، މި ވެރިކަން ފާލުން ނެއްޓުމުން، ދިވެހި ރައްޔިތުންނަށް ގެއްލުންވާތަން ބަލަން އެމްޑީޕީން ނޯންނާނެ ކަމަށާ، އެގޮތަށް ކަންކަން ކުރާނަމަ އެކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ކޮންމެ ސިޔާސީ ޕާޓީއަކާ ގުޅިގެންވެސް މަސައްކަތްކުރަން އެމްޑީޕީން ތައްޔާރުކަމަށެވެ.

މި ގައުމަށް ކުރިމަތިވާ ކޮންމެ ހައްސާސް ދަނޑިވަޅެއްގައި ވެސް ނުކުމެފައިވާނީ އެމްޑީޕީން ކަން ފާހަގަ ކުރައްވަމުން އަމީން ވިދާޅުވީ، މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ދިން ހަމަލާތަކާއި، މި ސަރުކާރުގައި ހިންގާ ކޮރަޕްޝަންތައް ފަދަ އެތައް ކަންކަމެއްގައި ވެސް ނުކުމެ އަޑު އުފުލާ، އެކަންކަން ކުށްވެރިވެސް ކޮށްފައިވާނީ ހަމަ އެމްޑީޕީން ކަމަށެވެ.

އެހެންކަމުން، މިހާރު މަޖިލީހުގައި އޮތް، މިނިވަން މީޑިއާއަށް ހުރަސްއަޅާ ބިލާ މެދުވެސް އެމްޑީޕީން ކަންކަން ކޮށްފައިވާނީ އެ މަގުންކަމަށާ، މަޖިލީހުގެ ތަޅުމުގައި އެކަމުގެ ހިތްހަމަނުޖެހުން އެމްޑީޕީން ފާޅުކޮށް މީޑީއާތަކުގައިވެސް އެ ބިލާމެދު ކަންބޮޑުވުންތައް ފާޅުކޮށްފައި ވާނެކަމަށް އަމީން ވިދާޅުވިއެވެ.

އަދި އެ ކަންކަމަށް ހައްލެއް ހޯދޭތޯ، ޕީއެންސީގެ އިސް ބޭފުޅުންނާ ބައްދަލުކޮށްގެން ވެސް މަސައްކަތްތައް ކޮށްފައިވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

އެ މަސައްކަތްތަކުން އެނގިގެން ދިޔަ އެންމެ ބޮޑު އެއް ކަމެއް ކަމަށް އަމީން ފާހަގަކުރެއްވީ، މަޝްވަރާގެ އުސޫލު އިސް ކުރުމަށް ޕީއެންސީގެ މެންބަރުން ބޭނުންފުޅުވެ ނުލައްވާ ކަން ކަމަށާ، އެހެންކަމުން އެ ބިލަށް އިސްލާހެއް ގެންނާނެކަމަށް ގަބޫލު ވެސް ނުކުރެވޭކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް