އެ ދަރަނީގެ ތެރޭގައި ދައުލަތުން ސީދާ ނަގާފައިވާ 127.8 ބިލިޔަން ރުފިޔާ އާއި ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ 21.1 ބިލިޔަން ރުފިޔާގެ ދަރަނި ވެސް ހިމެނެއެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދަރަނީގެ އިތުރުވުމެއް ކަމަށްވާއިރު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ވަނީ 124 ޕއިންސައްތައަށް އިތުރުވެފައެވެ.
ދެވަނަ ކުއާޓަރު ނިމުނުއިރު، ދައުލަތުގެ އެތެރޭގެ ދަރަނިން ފުރަތަމަ ކުއާޓަރަށްވުރެ ގާތްގަނޑަކަށް 1.8 ބިލިޔަން ރުފިޔާގެ އިތުރުވުމެއް ފެންނަން އޮތްއިރު، ދައުލަތުގެ އެތެރޭގެ ދަރަނި ވަނީ 85.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ.
ބޭރުގެ ދަރަނި ވެސް ދެވަނަ ކުއާޓަރުގައި 42 ބިލިޔަން ރުފިޔާއަށް އަރާފައި ވާއިރު، އެ ދަރަންޏަކީ އެއީ ފުރަތަމަ ކުއާޓަރުގައި 41.4 ބިލިޔަން ރުފިޔާގައި ހުރި ދަރަންޏެކެވެ. ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ ދަރަނި ކުޑަވެ، އެދަރަނި ވަނީ 21.1 ބިލިޔަން ރުފިޔާއަށް ދަށަށް ގޮސްފައެވެ.
ދިވެހި ދައުލަތުގެ ބޮންޑުތައް ގަނެފައިވާ ބޭރުގެ ފަރާތްތަކަށް 7.7 ބިލިޔަން ރުފިޔާ ދައްކަން ޖެހޭއިރު، ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އިންޑިއާގެ އެގްޒިމް ބޭންކަށެވެ. އެ ބޭންކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 9.2 ބިލިޔަން ރުފިޔާއަށް އަރައެވެ. އަދި ޗައިނާގެ އެގްޒިމް ބޭންކަށް 7.3 ބިލިޔަން ރުފިޔާ ދައްކަންޖެހޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ބުނެއެވެ.
މި ދަރަނިތައް އަދާކުރުމަށްޓަކައި ދެވަނަ ކުއާޓަރުގައި ދައުލަތުން 3.5 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި ޕްރިންސިޕަލް ޕޭމަންޓުގެ ގޮތުގައި 1.9 ބިލިޔަން ރުފިޔާ އާއި އިންޓަރެސްޓުގެ ގޮތުގައި 1.6 ބިލިޔަން ރުފިޔާ ވެސް ހިމެނޭކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.