މިއަހަރުގެ އޮގަސްޓް 28 އާ ހަމައަށް އެކުލަވާލައި އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ދައްކާގޮތުން، ފާއިތުވި މުއްދަތުގައި ދައުލަތުގެ ބަޖެޓުން 24.8 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ކުރި ޚަރަދު ހުރީ، 29.3 ބިލިޔަން ރުފިޔާގައެވެ.
އެހެންނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު މިހާތަނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ކުރި ޚަރަދު ވީ ބޮޑެވެ. މުސާރައާއި އިނާޔަތުގެ ގޮތުގައި މިހާތަނަށް 4.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މުސާރައާއި އިނާޔަތުގެ ގޮތުގައި ޚަރަދުކުރީ 3.9 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު މި މުއްދަތުގައި ވަނީ އިތުރަށް 218.4 މިލިއަން ރުފިޔާ މުސާރައަށް ޚަރަދުކޮށްފައެވެ.
ސަރުކާރު މުވައްޒަފުންގެ އެލަވަންސަށް ބަޖެޓުގައި 6.2 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު އަހަރުގެ މިހާތަނަށް 3.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ މިދިޔަ އަހަރަށްވުރެ 155.1 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެހާތަނަށް ޚަރަދުކުރީ 3.6 ބިލިޔަން ރުފިޔާ އެވެ.
މުސާރައާއި އިނާޔަތަށް ކުރި ޚަރަދު އިތުރުވެފައިވާއިރު، މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު އެތައް ގުނައަކުން އިތުވެފައިވާކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.
ސަރުކާރުން އާންމުކުރާ ތަފާސްހިސާބުގައި ބަޖެޓް ޚަރަދު ކުޑަ ކަމަށް ދައްކަނީ ބަޖެޓްކޮށްފައިހުރި ތަރައްގީގެ މަޝްރޫއުތައް ނުހިންގައި، ޕީއެސްއައިޕީ ބަޖެޓުން ޚަރަދު ނުކުރާތީއެވެ. އޮގަސްޓް 28 ގެ ނިޔަލަށް ޕީއެސްއައިޕީގައި ހިމެނޭ މަޝްރޫއުތަކަށް ޚަރަދު ކުރީ 3.96 ބިލިޔަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 2.3 ބިލިޔަން ރުފިޔާ މަދު އަދަދެކެވެ.
މީގެއިތުރުން ސަރުކާރުން އެކި ކުންފުނިތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާވެސް ނުދައްކާވާކަން ފާހަގަވެފައި ވެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި ސަރުކާރުގެ މާލީ ހިސާބު އާންމު އެކުރަނީ ހަގީގަތް ވަންހަނާވާނޭ ގޮތަށެވެ. އޭގެ ބޭނުމަކީ އެހެން ލޯނެއް ހޯދުން ނުވަތަ މާލީ ގޮތުން އޮތް ނުތަނަވަސްކަން ފޮރުވުން ކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.