އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއެންސް މޯލްޑިވްސް އިން ބުދަ ދުވަހު ހުޅުވާލި މި އޮންލައިން ޕެޓިޝަންގައި މިހާތަނަށް 3،500 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު، އެ ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދޮންފަނު ބިން ހިއްކުުމުގެ މަޝްރޫއުގެ ސަބަބުން ހަނިފަރު ބޭ އޭގެ އަސްލު ސިފައިގައި ދެމި އޮތުމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.
އެހެންކަމުން ތިމާވެށީގެ އިތުރުން އެ ސަރަހައްދުގެ އިގުތިސާދަށާއި ދިވެހި ސަގާފަތަށް ވެސް އެކަމުގެ އަސަރުކުރާނެ ކަމަކަށް ވާތީ، ހަނިފަރު ބޭ ކައިރީގައި ހިއްކަން އުޅޭ ބިން ހިއްކުމުގެ މަސައްކަތް އަލުން އެސެސް ކުރުމަށް އެ ޕެޓިޝަނުގައި މި ސަރުކާރަށް ގޮވާލާފައި ވެއެވެ.
ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅީ 28 ޖޫން 2011 ގައެވެ. އެދުވަހުން ފެށިގެން މިއަދާހަމައަށް އައިއިރު، އެއަތޮޅުން ތިމާވެށީގެ ގޮތުންނާއި ކަނޑުގެ ދިރުމުން މުއްސަދި 10 ސަރަހައްދެއްވަނީ ހިމާޔަތްކޮށްފައެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭނެއް ހަދައިގެން ބަލަހައްޓަމުން ގެންދަނީ 4 ސަރަހައްދެކެވެ.
ބ.އަތޮޅު ހަނިފަރު ސަރަޙައްދަކީ ބ. އަތޮޅުގެ އިރުއުތުރު ބިތުގައި އިރުއުތުރުން މާ ކަނޑާ ގުޅިފައިވާ ތަނަކަށް ވާއިރު، އެ ސަރަހައްދުގެ ފަރުތަކަކީ އެންމަޑިތަކުން ކްލީނިން ސްޓޭޝަންތަކެއްގެ ގޮތުގައި ބޭނުންކުރާ ތަންތަން ކަމަށް ވާއިރު، އެ ސަރަހައްދުން 529 ހެކްޓަރުގެ އޭރިއާއެއް ހިމާޔަތްކޮށްފައި ވެއެވެ.
ފުޅި އަޅައިގެން ފީނުން މަނާ އެ ސަރަހައްދަށް ފީނަން ޖެހެނީ ސްނޯކެލިން އާލާތުގައެވެ. އަދި އެ ސަރަހައްދަށް ފީނުމަށް 20 ޑޮލަރުގެ ފީއެއް ވެސް ދައްކަން ޖެހެއެވެ.
ގުދުރަތީގޮތުން ހިތްގައިމު އަދި އެތަންތަނުގެ ބޭނުން އެކި ގޮތްގޮތައް ކޮށްގެން ނަފާ ހޯދޭނޭ ތަންތަން ކަމަށް ވާއިރު، އޭގެސަބަބުން ފަތުރުވެރިކަމަށްވެސް އެތައް ކުރިއެރުމެއް ވެސް ލިބެއެވެ.