
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް ޝަމާހް އައްޔަންކުރީ މިއަދު ކަމަށެވެ.
ނަމަވެސް އެ ބަދަލު ގެނައީ ކޮން ސަބަބަކާ ހުރެކަން ޕީސީބީއިން ހާމައެއް ނުކުރެ އެވެ.
ފަހުމީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ، މި ސަރުކާރުގެ ވެރިކަން ފެށުނުތަނާހެން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭރުވެސް އޭނާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ ސްޓެލްކޯ ގައެވެ. ފަހުމީ ސްޓެލްކޯގައި ވަޒީފާ އަދާކުރައްވާތާ 25 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައި އެވަނީ، އޭނާ ވަކިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރޭތާ ދުވަސްތަކެއް ފަހުންނެވެ.
ސްޓެލްކޯގެ އެމްޑީ ކަމަށް އަލަށް އައްޔަނުކުރި ޝަމާހު އަކީ މިފްކޯގެ ސީއީއޯގެ މަގާމުން މިދިޔަ އަހަރު ވަކިކުރި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރީ 21 މެއި 2024 ގަ އެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑުވެސް ކުރި އެވެ.
މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރުމަށްފަހު ޝަމާހު ދެން ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލު ގެނައިއިރު، ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް ކުރު މުއްދަތުގައި ވަރަށް ބޮޑެތި ބަދަލުތައް ގެންނަކަން ފާހަގަ ކުރެވެއެވެ.
ދާދި ފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީގެ މަގާމުގައި ހުންނެވި މައުރޫފް ޖަމީލް ވަކިކޮށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އެމްޑީއަކަށް ހުންނެވި އަލީ ޒުހައިރު ވަނީ އައްޔަންކޮށްފަ އެވެ. އަދި އޭނާގެ ބަދަލުގައި އާރުޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމެވެ.




