ރަށެއްގެ މަގު ބައްތިތައް ދިއްލާފައި، އަންނަ ޖެނުއަރީން ފެށިގެން މިފަދަ ދިއްލުންތަކަށް ބިލްކުރާނީ ޑޮމެސްޓިކް ރޭޓްގައި.-- ފޮޓޯ: ޢަބްދުﷲ ޢަލީ
އާންމު ތަންތަން ދިއްލުމަށް ހޭދަވާ ކަރަންޓު ޑޮމެސްޓިކް ރޭޓުން ކައުންސިލްތަކަށް ދެނީ
މަރްޔަމް މުޙައްމަދު 9 ސެޕްޓެމްބަރ 2025 (އަންގާރަ)   09:26
އިޖުތިމާއީ ސަރަހައްދުތަކާއި، މަގުތައް ދިއްލުމަށް ހޭދަވާ ކަރަންޓަށް ޑޮމެސްޓިކް ރޭޓުން ކައުންސިލްތަކަށް ބިލްކުރާ ގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކޮށް ރައީސް އޮފީހުން ބުނެފައިވަނީ، މިއަންނަ 2026 ވަނަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް، ފެނަކަ އަދި ސްޓެލްކޯއިން ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން ފުރަތަމަ އިއުލާން ކުރެއްވީ މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނުގެ ޕޯސްޓްގައި، ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރެއްވުމަށް ކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނިގެން، ނިންމެވި ނިންމެވުމެއް ކަމަށެވެ. މި ނިންމެވުމުގެ ނަތީޖާއެއްގެ ގޮތުން ރަށްރަށުގެ މުނިސިޕަލް އެހެން ހިދުމަތްތަކަށް ހަރަދު ކުރަން ލިބޭ ފައިސާގެ އަދަދު އިތުރުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިހިނގާ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، 2026 ވަނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން، އ.ތ.މ ކޮމެޓީތަކަށް ދެމުން އަންނަ ބަޖެޓް ދެގުނަ ބޮޑުކުރައްވައި، ކައުންސިލްތަކަށް ބްލޮކް ގްރާންޓުން އެހީދޭ އުސޫލު މުރާޖައާކުރެއްވުމަށް ވެސް ނިންމަވާފައެވެ.

ޑޮމެސްޓިކް ރޭޓުތައް 100 ޔުނިޓަށް 1.25ރ. އިން ފެށޭއިރު، މި ރޭޓުން 600 ޔުނިޓަށް ބޮޑުވެގެން 3.83ރ. އަރައެވެ. މީގެކުރިން މަގުބައްތި އާއި ޕާކުތައް އަދި އާންމު މައިދާންތަކުގައި ކަރަންޓަށް ބިލްކުރަމުން އައީ ސަރުކާރުގެ ތަންތަނުގެ ރޭޓުގަ އެވެ. އެ ރޭޓުތައް 100 ޔުނިޓަށް 4.50ރ. އިން ފެށޭއިރު، ޔުނިޓް ބޮޑުވާ ވަރަކަށް ރުފިޔާގެ އަދަދު އިތުރުވެ، އެ ރޭޓުގައި 600 ޔުނިޓަށް 7.50ރ. ނަގަ އެވެ.

ކޮމެންޓް