ރައީސް އޮފީހުން އިއްޔެ ހާމަކުރި މައުލޫމާތުގައި ވާގޮތުން، މި ކުންފުނި އުފެއްދުމުގެ މަގުސަދަކީ ޑޮކްޓަރީ ބޭހުގެ އިތުރުން މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުން ކަމަށާ، މިއީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ކަމަށެވެ.
މި ކުންފުނި އުފެއްދުމާއެކު ބޭސް އެތެރެކުރުމަށް އެސްޓީއޯ އިން ކުރަމުން އަންނަ ހުރިހާ މަސައްކަތެއް އާ ކުންފުނީގެ ދަށަށް ބަދަލުވާނެ ކަމަށް މީގެ ކުރިން ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެފައިވެ އެވެ.
ބޭސް އެތެރެކުރުމުގެ ނަމުގައި ސަރުކާރުން އާ ކުންފުންޏެއް އުފެއްދި އިރު، ރާއްޖެއިން ލިބުން ދަތި ބޭސް ދެމެހެއްޓެނެވި ގޮތެއްގައި ހޯދުމަށް ކަމަށްބުނެ އިންޑިއާގެ ކުންފުންޏަކާ އެކު އެސްޓީއޯއިން މި އަހަރުގެ މެއި މަހު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެސް ވެއެވެ.
އިންޑިއާ ސަރުކާރުން ހިންގާ ކުންފުންޏެއް ކަމަށްވާ "އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑް" އާ އެކު އޭރު ހެދި އެއްބަސް އެއްބަސްވުމުގެ ދަށުން ބޭސް ފޯރުކޮށްދޭނީ އިންޑިއާގެ ޕީއެމްބީޖޭޕީ(ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ) ސްކީމުގެ ދަށުންނެވެ. އެސްޓީއޯއިން ބުނީ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއަށް އިންޑިއާއިން މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް މަގުފަހިވާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަން ފެށުނު ފަހުން ރާއްޖެއިން ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެ އާންމުންގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. ނަމަވެސް ރާއްޖެއަށް ޔޫރަޕްގެ ބޭސް އެތެރެކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން ފުއްދިފައި ނުވާ ވައުދުފުޅެކެވެ.
ރައްޔިތުންގެ ޝަކުވާ ބޮޑުވުމުން، ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، ބޭހުގެ ދަތިކަން ރާއްޖެއަށް ފޯރަން ދިމާވާ ސަބަބަކީ، ބޭހުގެ ވިޔަފާރި ކުރާ އަމިއްލަ ފަރާތްތަކުން ބޭހަށް ދަތިކުރުމުގެ ސަބަބުންނެވެ. ނުވަތަ "މެޑިކަލް މާފިއާ" ގެ ސަބަބުންނެވެ.
މި ކުންފުނި އުފެއްދުމާ ގުޅިގެން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އެތެރެކުރަން ހާއްސަ ކުންފުންޏެއް ހަދަންޖެހޭ ހަމައެކަނި ސަބަބަކީ ވައްކަން ކުރުން ކަމަށެވެ.
"ވައްކަން ކުރަމުން ކުރަމުން ކުރަމުން ގޮސް ބަލި މީހާގެ ބޭސް ކޮތަޅުން ވައްކަން ކުރަން ފަށަނީ. ކުންފުންޏެއް ހަދަންޖެހޭ އެއްވެސް އެހެން ސަބަބެއް ނެތް،" އަމްރު ވިދާޅުވި އެވެ.
ބޭސް އެތެރެކުރުމަށް ސަރުކާރުން ކުންފުންޏެއް އުފެއްދުމާ ގުޅިގެން މީސް މީޑިއާގައި އާންމުންގެ ބައެއް މީހުން ބުނަމުންދަނީ އިތުރު ކުންފުންޏެއް އުފެއްދުމަކުން މި ސަރުކާރަށް އަދި މިފަދަ ކަންކަން ހައްލުކުރެވޭނެ ކަމަށް ރައްޔިތުން އެއްވެސް އުންމީދެއް ނުކުރާ ކަމަށާ، ސަބަބަކީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އެތައް ކުންފުންޏެއް އެތައް ޑިޕާޓްމެންޓްތަކެއް އުފައްދައިގެން ވެސް ގައުމުގައި ހުރި އެއްވެސް މައްސަލައެއްގެ ހައްލު ލިބިފައި ނުވާތީކަމަށެވެ.