ދޮންފަނުގެ ބިން ހިއްކުމާ ދެކޮޅަށް ގިނަބަޔަކު އަޑުއުފުލަން ފެށީ، އެ ރަށު ބިން ހިއްކުމުގެ މަސައްކަތް ކުރެއްވުމަށް ރައީސް ވައުދުވެ، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުންނެވެ. ސަބަބަކީ އެރަށާ ނުހަނު ކައިރީގައި އޮންނަ އެންމަޑި އާލާވާ މުޅި ދުނިޔެއަށްވެސް މަޝްހޫރު ހަނިފަރުބޭ އަށް ނޭދެވޭ އަސަރު ކުރާނެތީއެވެ. ދޮންފަނު ބިން ހިއްކުމާ ދެކޮޅަށް ތިމާވެއްޓާ ގުޅުންހުރި ޖަމިއްޔާ ޖަމާއަތްތަކުންވެސް ގޮވާލާފައި ވާއިރު، ގިނަ ބަޔަކު ވަނީ ދޮންފަނު ބިން ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަންވެސް ފަށާފައެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދޮންފަނުގައި ބިން ހިއްކަން ވައުދުވީ އެ ރަށު ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާ، އެ ވައުދު ފުއްދަން އެއްބަސްވުމުގައި ސޮއިކުރި ކަމަށެވެ. އެކަމަކު، ރައްޔިތުން މިހާރު ދޮންފަނުގެ ބިން ހިއްކަން ބޭނުންނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"..ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދު ވިން. އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން." ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސްގެ މި ނިންމެވުމާ ގުޅިގެން ދޮންފަނު ކައުންސިލް ދޮށަށް އެރަށު ގިނަބަޔަކު ނުކުމެ ވަނީ ބިންހިއްކުން އަވަސް ކުރުމަށް ގޮވާލާފައެވެ. އެއްވި މީހުން އެފަދައިން ގޮވަމުންދިޔައިރު އެމީހުން ހިފަހައްޓައިގެން ތިބި ބެނާގައި ލިޔެފައި އޮތީ "ދޮންފަނު ރައްޔިތުން ބޭނުންވަނީ ބިން ހިއްކުން ކުރިޔަށް ގެންދަން" ކަމަށެވެ.
ރައީސްގެ ނިންމެވުމާ ގުޅިގެން ދޮންފަނު ކައުންސިލުން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ދޮންފަނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ފާހަގަކޮށް ބިން ހިއްކަން ބޭނުންވާކަން ބަޔާންކޮށްފައި ވެއެވެ. އަދި އެ މަސައްކަތް ފެށުމަށް އެމްޓީސީސީއާއެކު ސޮއިކުރުމަށްފަހު މިއަދު ރައްޔިތުން ބިން ހިއްކަން ބޭނުންނުވާކަމަށް ވިދާޅުވެ ހެއްދެވީ އިތުރުފުޅެއްކަން ފާހަގަ ކޮށްފައި އޮތެވެ.