ނޫސްވެރިން މަޖިލިސް އިދާރާ ކައިރީގައި އަޑު އުފުލަނީ.--
މީޑިއާ ބިލް ދިރާސާ ކުރާ ކޮމިޓީ ސިއްރުކޮށް، ނޫސްވެރިން ބޭރުކޮށްފި
ނޫސްވެރިން ކޮމިޓީން ނެރުމުން މަޖިލިސް ބޭރުގައި ދަނީ ބިލު ބޭރުކުރަން ގޮވައިލާ އަޑުއުފުލަމުން
ފިޔެސް 9 ސެޕްޓެމްބަރ 2025 (އަންގާރަ)   13:02
މިނިވަން މީޑިއާއަށް ހުރަސް އެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލް ދިރާސާކުރަން ބޭއްވި މަޖިލީހުގެ ކޮމިޓީ ސިއްރުކޮށް، ކޮމިޓީ ރޫމްގައި ތިބި ނޫސްވެރިން ބޭރުކޮށްފި އެވެ.

މިހާރު ކުރިއަށްދާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ސިއްރު ކުރުމަށްފަހު އެވަގުތު ކޮމިޓީ އަޑުއަހަންށާއި ކަވަރުކުރަން ވަދެ ތިބި ނޫސްވެރިންވެސް ކޮމިޓީން ނެރެފައެވެ. އެހެންކަމާއެކު މިހާރު ނޫސްވެރިން ދަނީ މަޖިލިސް ބޭރުގައި ބިލު ބޭރުކުރަން ގޮވައިލާ އަޑުއުފުލަމުންނެވެ.

ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، ދައުރުން ބޭރު ޖަލްސާއެއްގައި އެ ބިލް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.

ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނީ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، ކޮމިޓީ ސިއްރުކުރަން ހުށަހެޅީ އާންމުންގެ ފަރާތުން ބިލަށް ލިބިފައިވާ ކޮމެންޓްތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާންމުވެދާނެ ކަމަށް ބުނެ އެވެ. ބިލުގެ ކޮންމެ މާއްދާއަކަށް ވެސް 10-12 ކޮމެންޓް އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު ހުސެއިން ރިޒާ ވިދާޅުވި އެވެ.

މީގެކުރިން ކޮމިޓީން ވަނީ ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދަން ބަންޑާރަ ނައިބުގެ އޮފީހާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާ އެކު ތާވަލުކުރި ބައްދަލުވުންތައް ކެންސަލްކޮށްފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކުރިއިރު، މި ބައްދަލުވުމުގައި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ކޮމިޓީން މީގެކުރިން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިލު މަސައްކަތް ނިންމަން ފާސްކޮށްފަ އެވެ.

އަންނަ ހޯމަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ވެސް ވަނީ ތާވަލުކޮށްފައެވެ.

ކޮމެންޓް