އެހެން އެކަން ކުރަން ޖެހުމުގެ ސަބަބުން އެ އެސޯސިއޭޝަނުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ސްކައުޓުންގެ އޮފީހާއި ފިހާރަ ހުސްކުރަން އަންގައިފައި އޮތީ މިއަދުގެ ކުރިން ކަމަށާ، އަދި އިތުރު އޮފީހެއް ހަމަޖެހިފައިނުވާތީ، ތަނެއް ލިބެންދެން އެ އޮފީހާއި ފިހާރަ ވަގުތީ ގޮތުން ބަންދުވާނެކަމަށެވެ.
އިމާރާތުގެ ފެންވަރުދައްވެ، 2022 ވަަނަ އަހަރުން ފެށިގެން ކިޔަވައިދިނުން ވެސް ހުއްޓާލާފައިވާ އަރަބިއްޔާ ސްކޫލް ހިންގި، ޗާންދަނީ މަގުގައި ހުންނަ އިމާރާތުގައި ސްކައުޓް އޮފީސް ހުރިއިރު، އެ އިމާރާތަކީ، ވަރަށް ބޮޑަށް ބާވެ، އިމާރާތުގެ އޮނިގަނޑު އެތަން މިތަނުން ހަލާކުވެ، އެތަކެއް ގެއްލުންތަކެއް ވެސް ވެފައިވާ އިމާރާތެއްކަން ފާހަގަކޮށްލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ދެއްވުމުގެ ރަސްމިއްޔާތު 2025 - ފޮޓޯ: ރައީސް އޮފީސް
ނަމަވެސް ގައުމީ ސްކައުޓް ދުވަސް ފާހަގަކުރުމަށް މިދިޔަ މޭ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ސްކައުޓުގެ ހަރަކާތަށް ސަރުކާރުގެ ތެރެއިން ވަރަށް ގިނަ ކަންކަން ކުރަން ޖެހިފައި އޮތް ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށާ، އެ އިދާރާ ހިންގުމަށް ފުރިހަމަ އިމާރާތެއް ވެސް ބޭނުންވާ ކަމަށެވެ.
އެހެންކަމުން ސްކައުޓްގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގުމަށް ބޭނުންވާ، އުމްރާނީ އަދި މާލީ އެހީތެރިކަން ދައުލަތުން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު އެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ.