މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން - ފޮޓޯ: މަޖިލިސް
ރިފަރެންޑަމް ވޯޓު އަވަސްކުރެވޭނެހެން ކޮމިޓީން ބިލު ފާސްކޮށްފި
ވަކި ސަރަހައްދަކަށް އަމާޒުކޮށް ވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް އެ ބިލް ވަނީ ބައްޓަންކޮށްފައި
މަރްޔަމް މުޙައްމަދު 9 ސެޕްޓެމްބަރ 2025 (އަންގާރަ)   15:18
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އަވްސްކުރުމުގެ އިހުތިޔާރު އީސީ (އިލެކްޝަންސް ކޮމިޝަން) އަށް ދީ، އަދި ވަކި ސަރަހައްދަކަށް އަމާޒުކޮށް ވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ބައްޓަންކޮށް ރިފަރެންޑަމް ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެ ބިލަށް ބަދަލު ގެންނަން ހުށަހަޅާ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ތާއީދު ކުރުމުން ވަނީ ބައެއް އިސްލާހުތައް ވެސް ގެނެސްފައެވެ.

އެގޮތުން، އެފަދަ ވޯޓެއް ނަގާ ނަމަ އެ ވޯޓެއް ނަގަން ނިންމާ ތާރީހާއި ވޯޓު ނަގާ ދުވަހާ ދެމެދު އޮންނަންޖެހޭ މުއްދަތުތަކަށް ވެސް ކޮމެޓީން ވަނީ ބަދަލު ގެނެސްފަ އެވެ. ނަމަވެސް ވަކި ސަރަހައްދެއްގައި ނަގާ ވޯޓުތައް އެ އުސޫލުން އިސްތިސްނާވާނެ އެވެ.

މީގެ އިތުރުން، މިފަދަ ވޯޓެއް ފާސްވާނީ ސައްހަ ވޯޓުގެ 50 އިންސައްތަ އަށްވުރެ އިތުރަށް ވޯޓު ލިބިގެން ކަމަށް ބުނާ މާއްދާއެއް ވެސް ކޮމިޓީން ވަނީ އިތުރުކޮށްފަ އެވެ. އަދި ހިޔާލު ހޯދުމަށް ވޯޓަކަށް ހަރަދުވާނެ ކަމަށް އަންދާޒާކުރާ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާތާ 14 ދުވަސް ތެރޭގައި ފައިސާ ދޫކުރަން ޖެހޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް، 10 ދުވަހުގެ ތެރޭގައި އެ ފައިސާ ދޫކުރަން ޖެހޭ ގޮތަށް ވެސް ކޮމެޓީން އެ ބިލް ވަނީ ބަދަލުކޮށްފަ އެވެ.

އެ ބަދަލުތަކާ އެކު ބިލު ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިރާސާކުރާ މި ބިލަކީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅި ބިލެކެވެ.

އެ ބިލުގައި ވާގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގަ އާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާ ނަމަ އެވެ.

އާންމުންގެ ވޯޓަކަށް ދެވޭ މިނޫންވެސް ކަންކަމުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ދައުރާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު އަދި، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި، މަޖިލީހުން ފާސް ކުރާ ބިލު ތަސްދީގު ކުރާ ގޮތާއި، ދިވެހިރާއްޖޭގެ ސަރަހައްދު ބަދަލު ކުރުން ވެސް ހިމެނެ އެވެ.

ފަލާހު ހުށަހެޅުއްވި ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމުންގެ ވޯޓަކަށް ދިޔުމަށް މަޖިލީހަށް ނިންމިދާނެ އެވެ. އަދި ގައުމީ މުހިންމު މައްސަލައެއްގައި ރައްޔިތުން ދެކޭ ގޮތް ހޯދުމަށް ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެ އެވެ. ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބަދަލު ކުރުމާ ގުޅޭ އާންމު ވޯޓު ނެގުމަށް ނިންމޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ކޮމެންޓް