މަޖިލީހުގެ ކޮމެޓީ ސިއްރުކޮށް ގަދަކަމުން ނޫސްވެރިން ނެރުމުން އިހުތިޖާޖު ކުރަނީ
މިއަދުވެސް ކޮމިޓީ ސިއްރުކޮށް، ނޫސްވެރިން ބޭރުކޮށްފި
ކޮމެޓީ ސިއްރުކޮށް ގަދަކަމުން ނޫސްވެރިން ނެރުމުން މިހާރު ތިބީ އިހުތިޖާޖުގައި
ޖުނާން އަޙުމަދު 10 ސެޕްޓެމްބަރ 2025 (ބުދަ)   12:46
މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅުމަށް ސަރުކާރުނެ ބާރުދީގެން މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް" ދިރާސާ ކުރާ، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުން މިއަދުވެސް ސިއްރުކޮށް ނޫސްވެރިން ގަދަބާރުން ނެރުމުން މިހާރު ނޫސްވެރިން ތިބީ އިހުތިޖާޖުގައެވެ.

އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުން ވެސް ސިއްރު ކޮށްފައި ވާއިރު، އެ ބައްދަލުވުން ސިއްރު ކުރަން ނިންމީ ބިލާ ގުޅިގެން އާއްމުން ހުށަހަޅާފައިވާ ހިޔާލުތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާއްމު ވެދާނެތީ އެ ސަބަބަށްޓަކައި ކަމަށް ބުނެއެވެ. މިއަދުވެސް ކޮމެޓީ ބައްދަލުވުން ސިއްރުކުރީ އެ ސަބަބަށްޓަކައި ކަމަށް ބުނެއެވެ.

ކޮމިޓީ ބައްދަލުވުން ސިއްރުކޮށް، އެ ބައްދަލުވުން ކަވަރުކުރަން ގޮސް ތިބި ނޫސްވެރިން ވަނީ ގަދަކަމުން ނެރެފައެވެ. އެ ކޮމިޓީ ސިއްރުކުރަން ނިންމީ މަޖިލީހުގެ ގަވާއިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އަދި މަޖިލިސް އިދާރާއިން ނޫސްވެރިން ނެރުމުން މިހާރު ނޫސްވެރިން ވަނީ މީޑިއާ ފެންޑާގައި އިހުތިޖާޖު ކުރަން ފަށާފައެވެ.

އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ.

އެ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ވާއިރު، އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.

ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާއިރު، މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބު އެ ބިލުގައި ބަޔާންކޮށްފައި ނުވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ.

ކޮމެންޓް