ރައީސް މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ދަރުބާރު - ފޮޓޯ: ރައީސް އޮފީސް
ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ރައީސް ނިންމެވުމުން ބައެއް މެންބަރުންގެ ތާއީދު
ރިޓަޔަރމަންޓް ޕެންޝަން އިނާޔަތްތަކަށް ވެސް އިސްލާހު ގެންނަވަން ރައީސް ވަނީ ނިންމަވާފައި
މަރްޔަމް މުޙައްމަދު 11 ސެޕްޓެމްބަރ 2025 (ބުރާސްފަތި)   08:58
ގައުމުގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް އިނާޔަތްތަށް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ. އަދި ބައެއް މެންބަރުން އެކަމަށް ތާއީދު ކުރައްވާ ވާހަކަ ވެސް ދައްކަވައިފިއެވެ.

އިނާޔަތްތަށް ދިނުމުގެ މި ގާނޫނަށް އިސްލާހު ގެންނަވަން ނިންމަވާކަން އިއުލާންކުރައްވައި ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި  ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ  ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާ ކަމަށާ، އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރައްވާފައި ވަނިކޮށް، އެ އިނާޔަތްތައް ކަނޑާލުމަށް ތާއީދުކަން ބައެއް މަޖިލިސް މެންބަރުން މީސްމީޑިއާގައި ވިދާޅުވެފައި ވެއެވެ. އެގޮތުން މިކަމަށް ތާއީދު ކުރައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި އުމުރު ދައުލަތަށް ހިދުމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ބޮޑެތި ބަލިތައް ތަހަންމަލު ކުރަމުންދާ މީހުން ވެސް އެބަތިބި ކަމަށާ، ނަމަވެސް އެމީހުންނަށް އޮތީ ބޭސްފަރުވާއަށް ސަލާން ޖެހުން ކަމަށެވެ.

"މުޅި އުމުރު ދައުލަތަށް ހިދުމަތްކޮށްފައި، ސަރުކާރުގެ އިސް މަގާމުތައް އަދާކޮށްފައި، މިހާރު ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ، ބޭސްފަރުވާ އަށް ސަލާން ޖަހަމުންދާ ފަރާތަކާއި ދާދި ފަހުން ދިމާވި، އޭގެ އެތައް ބަޔަކު މިރާއްޖޭގައި ދިރިއުޅޭ،" ކުޑޫ ވިދާޅުވި އެވެ.

ކުޑޫގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ވެސް އެކަމަށް ތާއީދު ކުރައްވައި މީސްމީޑިއާގައި ވިދާޅުވީ، ވަޒީފާއިން ވަކިވުމަށްފަހު އެފަރާތްތަކަށް ނުލިބޭ އިނާޔަތެއް، ގަދަރެއް، އިއްޒަތެއް ރައްޔިތުންގެ މަޖިލިސް މެންބަރަކަށް ވީތީ ލިބުމަކީ އިންސާފު ނޫންކަމަށާ، އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ.

"މަޖުލިސް މެމްބަރުންނާއި، ކުރީގެ ރައީސުންނާއި، އަދި ހަމައެފަދަ އެހެނިހެން މަގާމުތަކުގައި ތިބޭ ފަރާތްތަކަށް މިހާރު ލިބޭ ހުރިހާ އިނާޔަތެއް އުވާލަންޖެހޭ." ޝަމްހީދު ވިދާޅުވިއެވެ.

މި އިނާޔަތްތައް ކަނޑާލުމަށް ތާއީދު ކުރައްވައި އެކްސްގައި ޕޯސްޓު ކުރައްވައިފައިވާ އަނެއް މެންބަރަކީ ހިތަދޫ މެދު ދާއިރާގެ މެންބަރު، އަޙުމަދު އަޒާން މަރުޒޫގު އެވެ. މި އިނާޔަތްތައް ކަނޑާލުމަށް ތާއީދު ކުރައްވައި އަޒާން ކުރެއްވި ޕޯސްޓުގައި، އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކޮށްފައިވާ މީހުންނަށް ދޭ ޕެންޝަންގެ އުސޫލަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވި ނަމަވެސް ވެރިކަން ކުރެއްވި ބޭފުޅުންނަށް ދޭ އިނާޔަތް ކަނޑާލަން ތާއީދު ކުރައްވާ ކަމަށް ވިދާޅެއްނުވެ އެވެ.

ކޮމެންޓް