ބަންޑާރަނައިބުގެ އޮފީހުން މިރޭ އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު، އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލަށް ގެނައުމަށް ބަންޑާރަނައިބުގެ އޮފީހަށް ފެންނަ އިސްލާހުތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
"މި އިސްލާހުތަކުގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ (66 ވަނަ މާއްދާގެ (ޅ)) އުނިކުރުމަށްވެސް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާނެ," ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަނައިބް އަޙްމަދު އުޝާމް ލިޔުއްވާފައި ވެއެވެ.
ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވާ އެންމެ ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް ބިލުގައި އޮތް މާއްދާ އުނި ކުރުމަށާއި އެ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް މެންބަރުން އައްޔަނު ކުރުމުގައާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ކަނޑައެޅުމެވެ.
އަދި އެ ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން ވަގުތީ ގޮތުން މީޑިއާއެއްގެ ލައިސަންސް ބާތިލު ކުރުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތް މާއްދާ އުނި ކުރުމަށާއި ކޮމިޝަނުގެ ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށް އޮތް މާއްދާތައް ބަދަލު ކުރަން ބަންޑާރަނައިބުގެ އޮފީހުން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
އޭގެއިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގެ މެންބަރަކަށް ނުވެވޭ ގޮތް ހެދުމާއި ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި ގައުމީ ސަލާމަތާއި އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފުސީލު ކޮށްދިނުން ބަންޑާރަނައިބުގެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ ކަންކަމުގެ އިތުރުން ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އިތުރުކުރުމާއި މީޑިއާގެ ސުލޫކީ ހަމަތައް ހަރުކަށި ކުރުމާއި ތެދު ހާމަ ކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރު ކުރުން އަދި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް މާއްދާއެއް އިތުރު ކުރުމެވެ.
އަދި ކޮމިޝަނުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮމިޝަނުގެ ލަފައާއެކު ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށ މާއްދާއެއް ހިމެނުމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ވަނީ ހުށަހަޅައިފަ އެވެ.
މިނިވަން މީޑިއާއަށް ހުރަސް އެޅޭގޮތަށް އެކުލަވާލާފައި އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލް" ބިލް ދިރާސާކުރުމުގެ މަސައްކަތް މިހާރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިނގަމުން ދާއިރު، ބްރޯޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް ކޮމިޓީއަށް ހާޒިރުކުރުމުން އެ ދެ ތަނުން ވެސް ވަނީ ބިލާ ދެކޮޅު ހަދައިފަ އެވެ. އޭގެ ފަހުން މީޑިއާތައް ހާޒިރުކުރި ކޮމިޓީގައި ވާހަކަ ދެއްކި 20 ވަރަކަށް މީޑިއާއިން ވެސް ވަނީ ބިލާ ދެކޮޅުކަން ހާމަކޮށް، ބިލު ބޭރުކުރަން އެދިފަ އެވެ.
އިއްޔެއާއި މިއަދު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އެހެންވެ ކޮމިޓީ އަޑުއަހަން ވަދެ ތިބި ނޫސްވެރިން ވަނީ މަޖިލިސްގެ ކޮމިޓީ ކޮޓަރިން ނެރެފައެވެ.