ހުސައިން ހަސަން އެމްޑީޕީގެ ޖަލްސާއެއްގައި.-- ފޮޓޯ: އެމްޑީޕީ
ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ހުސައިން ހަސަން ދޫކޮށްލައިފި
ޖުނާން އަޙުމަދު 11 ސެޕްޓެމްބަރ 2025 (ބުރާސްފަތި)   13:18
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަދި ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން ރޭ ފުލުހުން ހައްޔަރުކޮށް މިއަދު ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލައިފި އެވެ.

ފުލުހުން މީޑިއާއަށް ދެންމެ އާންމުކުރި މައުލޫމާތުގައި ބުނީ "ހުސައިން ހަސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައި" ކަމަށެވެ. އެހެންނަމަވެސް ކުރީ ކޮން ޝަރުތެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. 

އެމްޑީޕީ ގއ. ވިލިނގިލި ދާއިރާ ތަމްސީލު ކުރާ ހުސައިން ހައްޔަރުކުރީ ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް އިންފޯސްމަންޓް އޮޕަރޭޝަނެއްގެ ފޮޓޯ ނަގައިގެންނެވެ. 

ފުލުހުން އެ އޮޕަރޭޝަން ހިންގަމުން ދިޔައީ ސަރަހައްދު ވަކިކުރަން ޓޭޕު ދަމައިގެން ނޫންކަމަށާ، އެ ތަނުގެ ފޮޓޯއެއް ނެގުމުން ފުލުހުން ހުސައިންއަށް އިންޒާރު ދީ އޭނާއަށް އަނިޔާކޮށް ހައްޔަރުކޮށްގެން ގެންދިޔައީ ކަމަށް މަންޒަރުދުށް މީހަކު ފިޔެސް އަށް މައުލޫމާތު ދީފައި ވެއެވެ. 

އަދި ހުސައިން ހައްޔަރުކުރިއިރު ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އޭނާއަށް އަނިޔާ ކުރިކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ފުލުހުން ރޭ 12:23 ގައި ހުސައިން ހައްޔަރު ކުރުމާ ގުޅޭ ގޮތުން ބުނީ އޭނާ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރި ވުމުން އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް ސީން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައިވާތީ، އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި،" ކަމަށެވެ.

ހުސައިން ހައްޔަރު ކުރުމާ ގުޅިގެން އޭނާ ދޫކޮށްލުމަށް ގިނަބަޔަކު ސޯޝަލް މީޑިއާގައި ގޮވާލިއެވެ. އޭގެ ތެރޭގައި އެމްޑީޕީ ލީޑަޝިޕްގެ އިސްބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. 

ކޮމެންޓް