ހުސެއިން ހައްޔަރު ކުރުމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގަކުން ކުރާކަމަކަށް އެއްވެސް މީހަކު ހައްޔަރު ކުރުމަކީ ފުލުހުންގެ މުއައްސަސާ އަށް އޮންނަ އިތުބާރު ހީނަރުވެގެންދާ ކަމެއް ކަމަށާ، ވަގުތުން ވަގުތަށް ހުސައިން މިނިވަން ކުރުމަށް ގޮވާލައްވާ ކަމަށެވެ.
"ސިޔާސީ ބޭނުމަކަށްޓަކައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން ރޭގައި ހައްޔަރުކުރުން ކުށްވެރި ކުރަން. ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގަކުން ކުރާކަމަކަށް އެއްވެސް މީހަކު ހައްޔަރު ކުރުމަކީ ފުލުހުންގެ މުއައްސަސާ އަށް އޮންނަ އިތުބާރު ހީނަރުވެގެންދާ ކަމެއް. ވަގުތުން ވަގުތަށް ހުސައިން މިނިވަން ކުރުމަށް ގޮވާލަން." ރައީސް ސޯލިހު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ހުސެއިން ހައްޔަރު ކުރުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒް އިސްމާއީލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން އަނިޔާ ކުރުމަށް ފަހު ހުސައިން ހަސަން ހައްޔަރުކުރުން ކުށްވެރި ކުރައްވާ ކަމަށާ، ގާނޫނާއި ގަވާއިދުތަކަށް ވުރެ މަތީގައި ތިބޭ ބަޔަކަށް ފުލުހުން ވަމުންދިޔުމަކީ ބިރުވެރި ސިގުނަލެއް ކަމަށެވެ.
"ވަގުތުން ވަގުތަށް އެއްވެސް ޝަރުތަކާ ނުލައި ހުސައިން މިނިވަން ކުރުމަށް ގޮވާލަން." ފައްޔާޒު ވިދާޅުވިއެވެ.
ހުސެއިން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ގޮވާލައްވާފައެވެ. ޝާހިދު ކުރެއްވި މީސްމީޑިއާ ޕޯސްޓުގައި ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މައްޗަށް ބިރުދެއްކުމާއި ސިޔާސީ ގޮތުން ދައުވާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، އެއީ މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމެއް ކަމަށެވެ.
މިކމާ ގުޅިގެން ފުލުހުން ބުނީ ހުސެން "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރި ވުމުން އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް ސީން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައިވާތީ، އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި،" ކަމަށެވެ.
މަންޒަރު ދުށް މީހުން ބުނަނީ، ހުސެއިން ހައްޔަރު ކުރީ، ޕީޓްރަލް ސަރަހައްދުގައި ފުލުހުން ހިންގަމުން ދިޔަ ހަރަކާތެއްގެ މަންޒަރު ރެކޯޑު ކުރުމުގެ ސަބަބުން ކަމަށް ބެލޭ ކަމަށާ، އަދި އޭނާ ހައްޔަރު ކުރީ ވަރަށް ހަރުކަށިކޮށް އަނިޔާވެރިކަމާއެކުގައި ކަމަށެވެ.