ރައީސް މުއިއްޒު އާއި މެންބަރު އައްބާސް.-- ފޮޓޯ: މަޖިލިސް
ސިޔާސީ ބޭފުޅުންނަށް މުސާރަ ދިނުން ނޫންކަމެއް ނުކުރެ - އައްބާސް
ޖުނާން އަޙުމަދު 14 ސެޕްޓެމްބަރ 2025 (އާދީއްތަ)   18:43
މި ގައުމަށް ވަންނަހާ ފައިސާއަކުން ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުން ނޫންކަމެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް މުސާރައާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ކުރި ހަރަދު އެތައް ސަތޭކަ މިލިޔަނުން އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފަ އެވެ. އެ ކަމަށް އިޝާރާތް ކުރައްވައި އައްބާސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިގައުމަށް ވަންނަހާ ފައިސާއެއް ވަކި ބޭފުޅެއްގެ ސިޔާސީ އަންބޮޑި ބޮޑު ކުރުމަށް ހަރަދުކޮށް ދައުލަތުގެ ދަރަނި ދެއްކޭނެފަދަ ނެތި ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

"ދައުލަތަށް ވަންނަހާ ފައިސާ އާ ބޭރު ގައުމު ތަކުން ދަރަންޏަށް ނެގިހާ ފައިސާއިން ރައީސް ޑރ.މުއިއްޒު ބޭނުންފުޅުވާ ސިޔާސީ ބޭފުޅުންނަށް މުސާރަ ދިނުން ނޫންކަމެއްނުކުރެ.. ދައުލަތުގެ ދަރަނި ބޮޑުވެ ޑޮލަރުގެ އަގު ބޮޑު، ތަކެތީގެ އަގު މަތިވެ ރައްޔިތުންގެ އަތްމަތި ދަތިވެ ގޮތްހުސްވާ ހިސާބަށް ގައުމުގެ ހާލަތު މިވަނީ ގޮއްސަ." އައްބާސް ލިޔުއްވާފައި ވެއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުންކުރި ހަރަދުތަކަށް ބަލާއިރު، ސެޕްޓެމްބަރު 4، އާ ހަމައަށް މުސާރައާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ކުރި ހަރަދު ޖުމްލަ 9.5 ބިލިޔަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 575.4 މިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.

ސިޔާސީ މުވައްޒަފުން އިތުރު ނުކުރައްވާނެ ކަމަށް ޑރ. މުއިއްޒު ކެމްޕޭނުގައި ތަކުރާރުކޮށް ވިދާޅުވިނަމަވެސް، ވެރިކަމަށް ދެ އަހަރު ވާން ކައިރިވެފައިވާއިރު ސިޔާސީ މަގާމުތަކަށް އައްޔަނުކުރި މުވައްޒަފުންގެ އަދަދާއި ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ޕީއެންސީ މެންބަރުންނަށް ބަހާލި މަގާމުތައް އަދަދު ސާފުވާ ވަރަށްވުރެ ގިނައެވެ. ސީދާ އެ އަދަދު ސަރުކާރުން ހާމައެއްވެސް ނުކުރެއެވެ.

ކޮމެންޓް