މިކަން އާންމުކުރައްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ އެ މިނިސްޓްރީ އާއި އަލީބާބާ ގުޅިގެން އެއް ދުވަހުގެ އޮންލައިން ވޯކްޝޮޕެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ އޮންލައިން ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކާ އެކު އަލީބާބާގެ އެކްސްޕާޓުން ބައިވެރިވާ ފޯރަމެއް އަންނަ އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އަލީބާބާގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މިކަމަކީ އޮންލައިން ޕްލެޓްފޯމްތަކުގައި ދިވެހިންނަށް މުދާ ވިއްކޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދަން ކުރާ މަސައްކަތުގެ ބައެކެވެ.
އަލީބާބާއާ އެކު އިކޮނޮމިކް މިނިސްޓްރީން ކުރާ މަޝްވަރާތަކަކީ ޗައިނާއާ އެކު ރާއްޖެއިން ގާއިމުކޮށްފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ ދަށުން، ގުޅުން ބަދަހިކުރަން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަހަރުގެ އެޕްރީލް މަހު ވަނީ، ގިނަ ބައެއްގެ މެދުގައި މަގްބޫލު ޓިކްޓޮކް، ރާއްޖޭން ބޭނުން ކުރާ މީހުންނަށް އެ ޕްލެޓްފޯމް މެދުވެރިކޮށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތަކާމެދުވެސް މަޝްވަރާ ކުރަން ފަށައިފަ އެވެ.