ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މި ބިމުގެ މިލްކުވެރިކަން ފަލާހުގެ ނަން މައްޗަށް ބަދަލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމް ކުރީ އޮގަސްޓު 3، ގަ އެވެ.
ފަލާހު ގަނެފައިވަނީ ހުޅުމާލެ ލޮޓް ނަމްބަރު 22173 ބިމެވެ. އެއީ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުގައި އޮންނަ 3،250 އަކަ ފޫޓުގެ ބިމެކެވެ.
ފަލާހުގެ ނަމަށް ބިމުގެ ރަޖިސްޓްރީ ބަދަލުކޮށްފައިވާ އެ ހުކުމުން އެނގޭ ގޮތުގައި؛ ބިން ގަންނަން ބިމުގެ އަގަށް ދެއްކީ 26.7 މިލިއަން ރުފިޔާ އެވެ. ޖީއެސްޓީގެ ގޮތުގައި ދެއްކީ 2.1 މިލިއަން ރުފިޔާ އެވެ. ބިމުގެ މުއާމަލާތުގެ ޖުމްލަ އަގެއްގެ ގޮތުން ފަލާހު އެޗްޑީސީއަށް ދައްކާފައިވަނީ 28,782,000 ރުފިޔާ އެވެ.
އެހެންކަމުން، އެޗްޑީސީން ފަލާހު އަށް މި ބިން ވިއްކާފައިވަނީ އަކަފޫޓެއް 8،856ރ. އަށެވެ.
ފަލާހު ވަނީ މި ބިން ގަތުމުގެ މުއާމަލާތް ކުރިއަށްދާކަން މި މަހުގެ 3 ވަނަ ދުވަހު އިއުލާނު ވެސް ކުރައްވާފަ އެވެ. ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މާލީ ބަޔާންތަކުގެ ވާހަކަ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމުން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ނަމުގައި މިހާރު ހުރި ބިންތަކުގެ އިތުރުން އިންނަމާދޫއިން ތިން ބިމަކާއި ހުޅުމާލެއިން ބިމެއް ގަނެފައިވާނެ ކަމަށެވެ. އެދުވަހު އޭނާ ވިދާޅުވީ އެ ބިންތަކުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށް އަދި ނުނިމޭ ކަމަށް ފަލާހު ވިދާޅުވި އެވެ.
"އަދި އިންނަމާދޫ އިން ގަނެފަ ރަޖިސްޓްރީ ބަދަލުވުމުގެ މަރުހަލާގައި ތިން ގޯތި އެބަ އުޅޭ އަދި ހުޅުމާލެ އިން ގަތް ގޯތި ވެސް އުޅެނީ ރަޖިސްޓްރީ ބަދަލުކުރުމުގެ މަރުހަލާގައި. ވަރަށް ބެލިން މިފަހަރުގެ މާލީ ބަޔާނަށް ލެވޭ ވަރަށް ނިންމާލެވޭތޯ ނަމަވެސް ވާގޮތެއް ނުވި،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވި އެވެ.
ފާއިތުވި މަހު މަޖިލީހުން އާންމުކުރި ފަލާހުގެ މާލީ ބަޔާނުގައި ވާގޮތުން، މި ބިމުގެ އިތުރުން މިވަގުތު ފަލާހުގެ ނަމުގައި ހަތަރު ބިމެއް އެބަ އޮތެވެ. އެއީ ރ. އިންނަމާދޫ ފަލަކް، ފަތް، އަސުރުހިޔާ އަދި މާލެއިން ގަނެފައިވާ މ. އަސުރުކުރި އެވެ. މާލެއިން އޭނާ ގޯތި ގަތީ 2017 ވަނަ އަހަރު ހަތަރު މިލިޔަން ރުފިޔާއަށެވެ.