ފުލުހުން ވަނީ އެތަނުގައި ތިބި މީހުން ދުރައްލުމުގެ ތެރޭގައި ބައެއް ނޫސްވެރިންނާއި އާންމުންގެ ކަރުގައި ހިފައި، ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށާއި ކެމެރާ ފަދަ ސާމާނަށް ގެއްލުންދީފަ އެވެ. ބައެއް މީހުންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ.
"އަޅުގަނޑުމެން އެންއައިސީއަށް މި އައީ އެ ވާހަކަތައް ހިފައިގެން. އަޅުގަނޑުމެން ދެންނެވިން ކީއްވެގެންތޯ ތި ބޭފުޅުން އަމިއްލަ އިސްނެގުމަށް މި މައްސަލަތައް ނުބަލަނީ. މުޅި މީޑިއާގައި އޮތީ އަނިޔާގެ ފޮޓޯތަކާއި ވީޑިއޯތައް. އެ ބޭފުޅުން އަދިވެސް އިސްނަގައިގެން އެ މައްސަލަތައް ނުބަލާ،" އެންއައިސީ ކުރިމަތީގައި ހުންނަވާ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވިދާޅުވި އެވެ.
މުޒާހަރާގެ ތެރެއިން އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އަދި ޓެކްސީ ޑްރައިވަރު މުހައްމަދު ޝާމިން ހައްޔަރުކޮށް އިރުގަނޑެއްފަހުން ދޫކޮށްލިއެވެ.
އިއްޔެ ހަވީރު ބޭއްވި ޖަލްސާ އެއްގައި ބިލު ފާސްކުރީ އިހުތިޖާޖު ކުރަމުންދިޔަ އެމްޑީޕީގެ މެންބަރުން ތަޅުމުން ނެރުމަށް ފަހު އެވެ. ހެނދުނުން ފެށިގެން އެ މުޒާހަރާ ކުރިއަށްދިޔައިރު މަޖިލިސް ކުރާގެ ކައިރިން ދުރަށް ޖެއްސި އެވެ. އެހެންނަމަވެސް އެ ސރަހައްދުގައާއި ފަހުން މާލޭ މަގުމަތީގައި ވެސް މުޒާހަރާ ކުރިއަށް ގެންދިޔައެވެ.