މިކަމާ ގުޅިގެން ތުޅާދޫ ރައްޔިތުން އެރަށު ކައުންސިލް އިދާރާގެ އެތެރެއާ ބޭރުގައި އިއްޔެ މުޒާހަރާކޮށް ތުޅާދޫ ކައުންސިލްގެ މަސައްކަތް ވެސް ހުއްޓުވާލާފައި ވަނިކޮށް، އިއްޔެ އެ ކައުންސިލުން ގެޒެޓްކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެރަށުގައި މިހާރު އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް އާއްމުކޮށްފައިވާކަމަށެވެ.
ތުުޅާދޫ ކައުންސިލުން ހާމަކޮށްފައި ވަނީ، ފްލެޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ދާއިމީ ލިސްޓް، ކައުންސިލް އިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން، އަދި އެ ކައުންސިލް އިދާރާގެ ނޯޓިސްބޯޑުން ވެސް ފެންނަން ހުންނާނެކަމަށެވެ.
މި އިއުލާނުގައި ވަނީ ތުޅާދޫ ފްލެޓް ދޫކުރަނީ ދެ ކެޓެގަރީއަކަށް ކަމަށާ، އެއީ ކެޓަގަރީ 'އޭ' އަދި ކެޓަގަރީ 'ބީ' ކަމަށެވެ. އެގޮތުން ކެޓަގަރީ-އޭ އަކީ ތުޅާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ކެޓަގަރީ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
އަދި ކެޓަގަރީ–ބީ އަކީ ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކެޓަގަރީ ކަމަށްވާއިރު، ކެޓަގަރީ 'އޭ' އިން ތުޅާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 92 ހައުސިންގ ޔުނިޓެވެ.
އަދި ކެޓަގަރީ 'ބީ' އިން ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 08 ހައުސިން ޔުނިޓް ކަމަށް ވެސް އިއްޔެ ތުޅާދޫ ކައުންސިލުން ގެޒެޓްކުރި އިއުލާނުގައި ވެއެވެ.