މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހުން ފާސްކުރަން އުޅޭތީ އެދުވަހު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުންކުރި މުޒާހަރާގައި ފުލުހުން ވަނީ ބައެއް ނޫސްވެރިންނާއި އާންމުންނަށްވެސް އެކިވަރުގެ އަނިޔާތައް ކޮށްފައެވެ. ނޫސްވެރިންގެ ކަރުގައި ހިފައި، ބިންމައްޗަށް ވައްޓާލައި ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދިނެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުން ލޭ އޮހޮރުވާލާފައި ވެއެވެ. އެ މުޒާހަރާއިން ފުލުހުން ވަނީ ރާއްޖެޓީވީގެ ކެމެރާމަން ކޮއްޕާ ވައްޓާލާފައެވެ. އެ ދުވަހު އެޓީވީގެ އެކިއުޕްމަންޓަށްވެސް ފުލުހުން ގެއްލުން ދީފައިވާކަމަށް ރާއްޖެޓީވީން ވަނީ ބުނެފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން އެކަން ދޮގުކޮށް މިއަދު ނެރުނު ބަޔާނުގައި ފުލުހުން ބުނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން، ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާނުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި، ފުލުހުންގެ ހުއްދައެއް ލިޔުމުން ލިބިގެން ނޫނީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ނުބޭއްވޭނެ ކަމަށެވެ.
އަދި މަޖިލިސް ހިމެނޭ ސަރަހައްދަކީ އެއްވެ އުޅުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ)ގެ ދަށުން އެއްވުން މަނާ ސަރަހައްދެއް ކަމާއި މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެއްވުމަކީ ގާނޫނާ ހިލާފް އެއްވުމެއް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެކަންކަން ފާހަގަކޮށް ފުލުހުން ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެންގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި، ފުލުހުން އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ބުނެފައި އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫންކަމަށާއި އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައިވެސް، ފުލުހުން އަމަލުކޮށްފައިވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެންކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
"އަދި ހަމަ މިއާއެކު، ކަމުގެ ހަގީގަތް އޮޅޭގޮތަށް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯއާ ގުޅޭގޮތުން ދަންނަވަމެވެ. އެ ފޮޓޯތަކަކީ، ގާނޫނާ ހިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ފޮޓޯ ނެގިފައިވުމުގެ ސަބަބުން ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެކެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މިހާރު ދަނީ އެ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހަދަމުންނެވެ. އެ ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.