އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް - ފޮޓޯ:އެމްޑީޕީ
ފުރަތަމަ ނަގަންވީ ވެރިކަމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް
މީޑިއާ ކޮންޓްރޯލް ގާނޫނު އެމްޑީޕީ ވެރިކަމެއްގެ އެންމެ ފުރަތަމަ ދުވަހުވެސް އުވާލާނެ ކަމަށް ފައްޔާޒު ވިދާޅުވި
ޖުނާން އަޙުމަދު 18 ސެޕްޓެމްބަރ 2025 (ބުރާސްފަތި)   11:13
ޚިޔާލު ހޯދުމުގެ އިތުރު ވޯޓަކަށް ދާންވާނީ ރައްޔިތުން މި ވެރިކަން ދެމެހެއްޓުމާ މެދު ރައްޔިތުންގެ ވޯޓަކަށް ދިއުމަށް ފަހު ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން މެންބަރުންނާ މުޚާތަބުކުރައްވަމުން ފައްޔާޒް މިފަދައިން ވިދާޅުވީ، އައްޑޫގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނަންގަވަން ބޭނުންފުޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

މިމަހުގެ 16 ގައި ރައީސް މުއިއްޒު ތަސްދީގުކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ނަގަންވީ ރައްޔިތުން މި ވެރިކަން ބޭނުންތޯ ނުވަތަ ނޫންތޯ ފެންނަނުފެންނަ ވޯޓެއް ކަމަށާއި، އިތުރު ފެންނަނުފެންނަ ވޯޓެއް ނަގަން ވާނީ އޭގެ ފަހުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި ކޮންމެ ވާހަކައެއް ކޮންމެ ވައުދެއް ބޮލާ ޖަހައި އެއާ މުޅިން ޚިލާފަށް އަމަލުކުރައްވައިފި، މިއީ ދިވެހި ރައްޔިތުން ދަންނާނެ ހަގީގަތެއް، އެހެންވީމާ އަޅުގަނޑު ދަންނަވާނީ ރެފްރެންޑަމް ބިލު އުސޫލުތަކާ ޚިލާފަށް މަޖިލީހުން ފާސްކުރައްވައި ރައީސް މުއިއްޒު ގެޒެޓުކުރައްވައިގެން އެންމެ ފުރަތަމަ އަޅެ ކެރިވަޑައިގަންނަވަންޏާމުން ރެފްރެންޑަމެއް ނަގާށޭ، ވީ ވައުދުތަކާ ޚިލާފަށް އެއާ އިދިކޮޅަށް ތިމަންނާ މަސައްކަތްކުރީމާ ވެސް ރައްޔިތުން ތިމަންނާ ބޭނުންތޯ ނޫންތޯ.... އެ ރެފްރެންޑަމް ނަގާފަ އިތުރު ރެފްރެންޑަމެއް ނަންގަވަން އުޅުއްވަންވާނީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ރައީސް މިވަގުތު އެ ކުރައްވަނީ ހުދުމުޚުތާރު ވެރިކަމެއް ހޯދަން ހުވަފެންދެކޭ ކޮންމެ ވެރިއަކު ކުރާ ކަންކަން ކަމަށެވެ.


މީޑިއާ ކޮންޓްރޯލް ބިލު ހަމަ ގައިމުވެސް އެއީ އެންމެ ފުރަތަމަ ދުވަހު އުވާލާނެ ގާނުނެއް، ހަމަ އެއާ އެއްކޮށް އަދިވެސް ރައްޔިތުންނަށް ވެފަ ހުރި ތަކުލީފުތައް، އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ، ވޭޕް، މި ހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާއެކު ބަދަލުކުރާނެ ކަންކަންކަން


ހަމަ އެއާއެކު މި ސަރުކާރުން ރާއްޖޭގެ މުޅި އިގްތިސޯދު ފުނޑާލައި، އާންމު ވިޔަފާރިތައް ބަނގުރޫޓުކޮށްލާފައިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ބައެއް ކޮންސްޓްރަކްޝަން ކުންފުނިތައް ވެސް ހުއްޓިފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ހަމައެކަނި ރާއްޖޭގެ އިގްތިސޯދުގައި ކިރިޔާ ވެސް ހިނގުމެއް އޮތީ ޓޫރިޒަމް ދާއިރާގައި ކަމަށެވެ.

ނަމަވެސް ގްރީން ޓެކުހާއި އެއާޕޯޓުން ފުރުމުގެ ކުރިން ނަގާ ފީ އާއި ޓީޖީއެސްޓީ ބޮޑުކުރުމާއި ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ގެނައި ބަދަލާއެކީ މުޅި ރިސޯޓު ވިޔަފާރިއަށް އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ބޭނުންވަނީ ފައްޔާޒް ވިދާޅުވި ގޮތުގައި، ރައްޔިތުން ގޮތް ހުސްވުމަށް މަގުފަހިކުރުމަށެވެ.

އިތުރަށް ފައްޔާޒް ވިދާޅުވީ، އަލުން އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވާނެ ކަމަށާއި، އެ ޕާޓީން ވެރިކަމާ ހަވާލުވުމަށް ފަހު، މި ސަރުކާރުން ޤާނޫނުއަސާސީ އާއި ޤާނޫނުތަކަށް ގެނައި ބަދަލުތައް އަނބުރާ ބަދަލު ކުރައްވާނެ ކަމަށެވެ.

"ގާނޫނުއަސާސީ އިރާލުމުގެ ތެރެއިން އެ ކުރައްވާފަ ހުރި މަސައްކަތްތައް އަޅުގަނޑުމެން އަނބުރާ އިއާދަކުރާނަން، އަދި އެއަށްވުރެ ފުރިހަމައަށް، އަލުން މިފަދަ މީހަކަށް އައިސް ގާނޫނުއަސާސީއާ ނުކުޅެވޭނެ މިންވަރަށް އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން،" ފައްޔާޒް ވިދާޅުވިއެވެ.

އަދި ނޫސްވެރިންނާއި އެތައް ޖަމުއިއްޔާތަކެއްގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އަވަސް އަރުވާލައިގެން ފާސްކޮށް، މިހާރު ތަސްދީގުކުރުމުގެ މަރުހަލާގައި އޮތް މީޑިއާ ކޮންޓްރޯލް ބިލް އުވާލައްވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"މީޑިއާ ކޮންޓްރޯލް ބިލު ހަމަ ގައިމުވެސް އެއީ އެންމެ ފުރަތަމަ ދުވަހު އުވާލާނެ ގާނުނެއް، ހަމަ އެއާ އެއްކޮށް އަދިވެސް ރައްޔިތުންނަށް ވެފަ ހުރި ތަކުލީފުތައް، އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ، ވޭޕް، މި ހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާއެކު ބަދަލުކުރާނެ ކަންކަންކަން." ފައްޔާޒު ވިދާޅުވިއެވެ.

ކޮމެންޓް