ނޫސްވެރިންގެ ފަރާތުން އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މުޙައްމަދު އަފްރާޙް (އަފްރާ) | ފިޔެސް
ނޫސްވެރިން މަދަނީ ހައްގުތަކުގެ ދިފާއުގައި 'ފުލުސްޓޮޕް މޫވްމަންޓް' އިއުލާންކޮށްފި
"މިއަދު އަޅުގަނޑުމެން އެކުގައި މި ތެދުވަނީ މިގައުމުގައި ހިނގާ ވައްކަމާ، ކޮރަޕްޝަނާ ފަސާދައިގާ ފުލުސްޓޮޕް ޖަހަން"
ފިޔެސް 20 ސެޕްޓެމްބަރ 2025 (ހޮނިހިރު)   12:20
މިނިވަން ހިޔާލާއި މީޑިއާ ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް މަސައްކަތްކުރި ނޫސްވެރިން، އެ ބިލު ތަސްދީގުކުރުމާއެކު، އެ ގާނޫނާ ދެކޮޅަށް އަދި ރައްޔިތުންގެ މަދަނީ ހައްގުތަކުގެ ދިފާއުގައި 'ފުލުސްޓޮޕް މޫވްމަންޓް'ގެ ނަމުގައި ސިލްސިލާ ހަރަކާތްތަކެއް ނޫސްވެރިން ރޭ ފަށައިފި އެވެ.

މީޑިއާ ކޮންޓްރޯލް ބިލާ މެދު ނޫސްވެރިންގެ އެތައް ކަންބޮޑުވުންތަކެއް އޮއްވާ، ސަރުކާރުގެ ނޫފުޒު ފޯރުވޭނެ ގޮތަށް މީޑިއާ ރެގިއުލޭޓުކުރުން ވަކި ކޮމިޝަނަކާ ހަވާލުކޮށް ހަދާފައިވާ ގާނޫނު މިމަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގުކުރައްވާފައެވެ. އެ ގާނޫނަށް އަމަލު ނުކުރާނެ ކަމަށް ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ ބުނަމުންނެވެ. އަދި އެކަމާ ދެކޮޅަށް ކުރާ އިހުތިޖާޖުތައް ކުރިއަށް ގެންދިއުމަށް ނޫސްވެރިން ވަނީ ނިންމާފަ އެވެ.

ރޭ އުސްފަސްގަނޑު ސަރަހައްދުގައި ނޫސްވެރިން ބޭއްވި އެއްވުމުގައިވެސް ނޫސްވެރިންނާއި އެކި ދާއިރާތަކުގެ ބޭފުޅުން ވަނީ އެ ގާނޫނާ ގުޅޭގޮތުން ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.

އެ ބައްދަލުވުމުގެ ވަކި ހިސާބަކުން ބައްދަލުވުން ހުށަހަޅައިދެއްވަން ހުންނެވި 'އަދަދު' ނޫހުގެ ނޫސްވެރިޔާ އަދި ނޫސްވެރިންގެ ޖަމުއިއްޔާ (އެމްޖޭއޭ) ގެ ނައިބްރައީސް މުޙައްމަދު ޝަހުޒާން ވިދާޅުވީ އެ ބައްދަލުވުމަކީ ބޮޑު ހަރަކާތެއްގެ ފެށުން ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ ހައްގުތަކުގެ ދިފާއުގައި މީގެ ކުރިން ނޫސްވެރިން އިއްވަމުންދިޔަ އަޑު ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ އަސާސީ ހުރިހާ ހައްގުތަކެއްގެ ދިފާއުގައި އުފުލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެމަސައްކަތް ކުރުމަށް އަޅުގަނޑުމެން މިއަދު މި އުފަންކުރަނީ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ ހަރަކާތެއް. އަޅުގަނޑުމެން މިބަދަލުވަނީ ސިވިލް ރައިޓްސް މޫވްމަންޓަކަށް. އަޅުގަނޑުމެން މިއަދު މިވަގުތުން ފެށިގެން މި ވުޖޫދުކުރަނީ ފުލުސްޓޮޕް މޫވްމަންޓް." މީޑިއާ ކޮންޓްރޯލުކުރުމާ ދެކޮޅު ހަރަކާތުގައި ފެށުނީއްސުރެ އިސްކޮށް ހަރަކާތްތެރިވަމުންދާ ޝަހުޒާން އިއުލާން ކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެން އެކުގައި މި ތެދުވަނީ މިގައުމުގައި ހިނގާ ވައްކަމާ، ކޮރަޕްޝަނާ ފަސާދައިގާ ފުލުސްޓޮޕް ޖަހަން. އަޅުގަނޑުމެން މިއަދު މިތެދުވަނީ ވެރިންގެ އަބުއި ކަމާއި އާދަޔާ ހިލާފު ބާރުވެރިކަމުގައި ފުލުސްޓޮޕް ޖަހަން. އަޅުގަނޑުމެން މިއަދު މިތެދުވަނީ ވެރިންނާއި ވެރިންގެ ދަރީނަށްކުރާ ބޭކާރު ހަރަދުތަކުގައި ފުލުސްޓޮޕް ޖަހަން. އަޅުގަނޑުމެން މިއަދު މިތެދުވަނީ ސިއްރިއްޔާތުގައި ސަރުކާރުތަކުން ހިންގާ ނާޖާއިޒު ފައިދާއާ ވެރިން ކުރާ ބޭކާރު ހަރަދުތަކާއި ނާޖާއިޒް ފައިދާ ނެގުމުގައި ފުލުސްޓޮޕް ޖަހަން."

ޝަހުޒާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެކިއެކި ޖަމިއްޔާތަކުން ވެސް އެ ހަރަކާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުރި މީޑިއާ ބިލަކީ ސަރުކާރުގެ ވައްކަންތަކުގެ ވާހަކަ ދައްކާތީ އެ އަޑު ކަނޑުވާލަން ތައްޔާރުކުރި ގާނޫނެއް ކަމަށްވާތީ އެ ގާނޫނަށް އަމަލުނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ފިސާރި ވަރުގަދަ މަދަނީ ބަސްނޭހުމަކަށް. އަޅުގަނޑުމެންނެއް ނުހުއްޓުވޭނެ. އަޅުގަނޑުމެންނެއް ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ މިއަޑާ އެކު ސަރުކާރުގެ މަތީ މަގާމުތަކުގައި އެތިއްބެވި ބޭފުޅުން ތުރުތުރު އަރާވަރު ކޮށްލާނަން،" މީޑިއާ ކޮންޓްރޯލުކުރުމާ ދެކޮޅު ހަރަކާތުގައި ފެށުނީއްސުރެ އިސްކޮށް ހަރަކާތްތެރިވަމުންދާ ޝަހުޒާން ވިދާޅުވި އެވެ.

your imageނޫސްވެރިންގެ ފަރާތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މުޙައްމަދު އަފްރާޙް (އަފްރާ) | ފިޔެސް

ރޭގެ އެއްވުމުގައި ވާހަކަދައްކަމުން އެމްޖޭއޭގެ ރައީސް އަދި 'ދައުރު' ނޫހުގެ ސީނިއާ އެޑިޓަރު އަހުމަދު ނާއިފް ވިދާޅުވީ ފުލުސްޓޮޕް ހަރަކާތުގެ އެންމެ ބޮޑު މަސައްކަތަކަށްވާނީ "ތާހިރު ވެރިކަމެއް ގާއިމުކުރުން" ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި މައްސަލަތަކަށް ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމާއި އެ މީހުންގެ މެނިފެސްޓޯ އަދި އެކަންކަމަށް ގެންނަން ބޭނުންވާ ހައްލުތައް ދެނެގަނެ، އެ އަޑުތައް އެ ހަރަކާތުގައި އިއްވައި ކުރިއަރުވާނެ ކަމަށް ނާއިފް ވިދާޅުވި އެވެ.

"މި ހަރާތުގައި އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރާނެ ކަމަކީ ރާއްޖޭގެ އިގްތިސޯދާ މެދު ޒުވާނުން ގެންނަ ވިސްނުންތައް، ރާއްޖޭގެ ސޯޝަލް ޖަސްޓިސްއާ މެދު ޒުވާނުން ގެންނަ ވިސްނުންތައް މިހުރިހާ ވިސްނުންތައް އެއްކޮށް މެނިފެސްޓޯއެއް އެކުލަވާލުން. އެހެންވީމާ ކުރިއަށް އޮތްތާ އެކަން އަޅުގަނޑުމެން ކުރާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިފެށުނީ އާ ބާބެއް، އާ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ނޫފުޒު ފޯރުވޭނެ ގޮތަށް މީޑިއާ ރެގިއުލޭޓުކުރުން ވަކި ކޮމިޝަނަކާ ހަވާލުކޮށްފައިވާ ގާނޫނަށް އަމަލުކުރަން ސަރުކާރުން ފެށި ނަމަވެސް، ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ އެ ގާނޫނަށް އަމަލުނުކުރާނެ ކަމަށް ބުނަމުންނެވެ. އެކަމާ ދެކޮޅުހެދުމުގެ ގޮތުން ނޫސްވެރިން ކުރަމުންދާ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން، 'މީޑިއާ ކޮންޓްރޯލް ގާނޫނޫ'ގެ ދަށުން ރައީސް އުފައްދަވާ ކޮމިޝަންގެ އިންތިހާބު ބޮއިކޮޓްކޮށް، ނޫސްތައް ރެގިއުލޭޓް ކުރަން އަމިއްލަ ނިޒާމެއް އެކުލަވާލަން އެމްޖޭއޭ އިން ވަނީ ނިންމާފައެވެ. މިއީ ގާނޫނުއަސާސީ އާއި ބެސްޓް ޕްރެކްޓިސްއާ ހިލާފު ގާނޫނެއްކަން ފާހަގަކޮށް، މި ގާނޫނު ބާތިލުކުރަން ކޯޓަށް ދާންވެސް އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.

ކޮމެންޓް