ރައީސް އެހެން ވިދާޅުވީ، ހަތަރު އަތޮޅަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ވ.ފެލިދޫގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މީޑިއާގެ މިނިވަންކަމާ ގުޅޭ ގޮތުން ރައީސް ރޭ ވާހަކަފުޅު ދެއްކެވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު އެ މަނިކުފާނު މިމަހުގެ 18 ވަނަ ދުވަހު ތަސްދީގު ކުރެއްވި ނަމަވެސް އެ ގާނޫނާ މެދު ނޫސްވެރިންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައި ވަނިކޮށެވެ.
ރައީސް ވިދާޅުވީ މި ގާނޫނާއެކު ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް އެބައޮތް ކަމަށެވެ.
"އެއްގޮތަކަށްވެސް ނޫޅޭ އެއްވެސް މީހެއްގެ ސޯޝަލްމީޑިއާ ބޭންކުރާކަށް، ޒުވާނުންގެ އެކިކަހަލަ ޕްލެޓްފޯމްތައް މަނާކުރާކަށް، އެކަހަލަ އެތައް ވާހަކައެއް އެބަދައްކައޭ. އެތައް ވާހަކައެއް." ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެފަދަ ވާހަކަ ދައްކަނީ ފިނޑި، ނާގާބިލު، ގައުމާމެދު ހެޔޮ ނޭދޭ ބައެއް ކަމަށާއި އެ މީހުން ކުރަންވީ ކަމަކީ ގާނޫނު އެއްކޮޅުން އަނެއްކޮޅުން ކިޔުން ކަމަށް ރައީސް ވިދާޅުވިއެވެ.
" އަޅުގަނޑަކަށް އަދި ދިމަލެއް ނުވޭ، އިހަށްދުވަހު ތަސްދީގު މިކުރި ގާނޫނު ކީ ނޫސްވެރިޔަކާ، އަދި ދިމަލެއްނުވޭ." ރައީސް ވިދާޅުވިއެވެ. "މިކަހަލަ އެތައް ވާހަކައެއް ދައްކާ ދެއްކުން އެއީ އެ ވާހަކަ ދައްކާ މީހުންގެ ނިކަމެތިކަން. ފިނޑިކަން. ނާގާބިލުކަން. ގައުމާއި މެދު ހެޔޮ ނޭދޭކަން."
ގާނޫނުގައި ހަމައެކަނި އޮތީ ތެދު ހަބަރު ފަތުރަން ޖެހޭ ވާހަކަ އާއި ދޮގު ނުހެދުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އޮތް އޯޕަން ލައިސަންސެއްނޫން އަނެކާޔާދޭތެރޭގައި ބަލައިލުމެއްނެތި ދޮގު ހަދަމުންދިޔުން، ތެދު ބެލުމެއްނެތި، ތެދަކީ ކޮބައިތޯ ބެލުމެއްނެތި. މިކަން އަޅުގަނޑުމެން ރަނގަޅުކުރަންޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން ގެންނަންޏާ. އެހެންވީމާ ސިޔާސީ ފަރާތްތަކަށްވެސް އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ކަމުގައިވިޔަސް، އެއްވެސް ފަރާތަކަށް ލިބިގެންވާ ހައްގެއްނޫން އަނެކާއާ ބެހޭގޮތުން ނޫނިއްޔާ އެއްވެސް ކަމަކާ ބެހޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތައް ދެއްކުމަކީ."
ގާނޫނަށް އަމަލުނުކުރާނެ ކަމަށްބުނެ ނޫސްވެރިންގެ ޖަމުއިއްޔާ (އެމްޖޭއޭ) އިން އާންމުކޮށްފައިވާ ވާހަކަ އަށްވެސް ރައީސް ރައްދު ދެއްވިއެވެ. ސީދާ ނަންވިދާޅުނުވެ ރައީސް ވިދާޅުވީ "މި ގައުމަކު ގާނޫނުތައް މުގުރާފައި، ގަނޫނުތަކާ ހިލާފަށް ކަންކަން ކުރާނަމޭ ކިޔާފައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އެފުރުސަތެއް ނުދޭނަން." ކަމަށެވެ.