ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރި ނަމަވެސް މީހުންގެ ކަންތައްތަކާ ހަވާލުވެ ތިބި ވެރިން ކުރާ ވަންކަންތަކާ ހިންގާ ކޮރަޕްޝަންގެ ވާހަކަ ޕީއެންއެފުން ދައްކާނެ ކަމަށެވެ. އެ ބިލުގައި ހިމެނޭ މުޅި ވާހަކަ ބައްޓަން ވެފައި ވަނީ އަބުރު ރައްކާތެރި ކުރުމާ ބެހޭގޮތުން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"މުޅި ވާހަކަ މިއޮތީ އަބުރު ރައްކާތެރި ކުރުމާ ބެހޭގޮތުން. އަޅުގަނޑުމެން މިތަނުގައި ޕީއެންއެފްގެ ޖަލްސާގައި ދައްކާ އެއްވެސް ވާހަކައެއް، އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް އޮތީކީ ނޫން އަބުރު ރައްކާތެރި ކުރުމާ ބެހޭގޮތުން." ޔާމީން ވިދާޅުުވި އެވެ.
މީހުންގެ އަބުރު ރައްކާތެރިކުރުމަކީ އެމަނިކުފާނު ނުހަނު އިހުތިރާމު ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ވެސް އުޅުއްވަނީ މީހުންގެ އަބުރު ނަގާލަން ނޫން ކަމަށާ، ނަމަވެސް މީގެ ކުރިން ވަޑިންގެ ގޮތުގައި މަސައްކަތްކުރި މީހުންވެސް ދެ އަހަރުގެ ތެރޭގައި ބޮޑެތި މިލިޔަނަރުންނަށްވެ ގިނަ ބިންތަކެއްގެ ވެރިންނަށްވުމުން އެ ވާހަކަ ކޮންމެ ބަޔަކުވެސް ދައްކާނެ ކަމަށެވެ.
އަދި ސައްހަގޮތުގައި އޮތްކަމެއް ނަމަ އެ ވާހަކަތަކަށް ޖަވާބުދާރީވުމަކީ އެމީހެއްގެ ޒިންމާއެއް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ ފްރީޑަމް އޮފް އެކްސްޕްރެޝަން ހަނި ކުރެވޭނީ ގައުމީ ބޮޑު ހާލަތެއް އައިސްގެން ކަމަށް ވާހިނދު މިގައުމުގައި އަދި އެފަދަ ހާލަތެއް މެދުވެރި ވެފައި ނުވާކަމަށެވެ.
"މިއުޅެނީ މީހުންގެ އަބުރު ނަގާލާކަށް ނޫން. އެކަމަކު ކީއްވެތޯ ނުދައްކަންވީ (ޕީއެންސީ)ގެ ޕީޖީ ލީޑަރު ފަލާހު. ވަޑިއެއް ކަމަށް ވަނީ. ވަޑާންކޮށްލައިގެން އެ އޮތީ ހަތާވީސް، އަށާވީސް މިލިއަން ރުފިޔާގެ ބިން ގަނެފަ އެ އޮތީ. އެ ވާހަކަ ނުދެއްކެން ވީ ކީއްވެތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހުގެ މާލީ ބަޔާން ހާމަކުރިއިރު އެ ބިމާ ގުޅޭ މައުލޫމާތު ނުހިމަނާ އޮތުމުން އެކަމަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، ފަލާހުގެ މާލީ ބަޔާނުން ފެންނަ ގޮތުން އޭނާ އަށް ލިބެނީ އަހަރަކު އާމްދަނީގެ ގޮތުގައި ވިޔަފާރިން މިލިއަނެއްހާ ރުފިޔާ ކަމަށާ، އަދި އެހެނިހެން ކަންކަމުން ވެސް ހަމަ އެހާކެއްވަރު ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް މަޖިލީހުގައި ތިއްބަވާ ބޭފުޅުންގެ، ހާއްސަކޮށް އެ މަސައްކަތުގައި އިސްކޮށް ތިއްބަވާ ބޭފުޅުންނާމެދު ޝައްކުވާފަދަ ކަންތަކުގެ ވާހަކަ ދެއްކެން ޖެހޭނެ ކަމަށާ، އެކަމަކީ މީހުން ކޮށްފައި ހުންނަ ކަންތައްކަމަށް ވަނީ ނަމަ އެ ވާހަކަ އެމީހުންގެ ނަމާއެކީ ކިޔޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން ވައްކަން ކޮށްފައި ހުރިއްޔާ ވައްކަން ކޮށްފިޔޭ ވެސް ބުނެވޭނެ ކަމަށާ، އެކަމާ ރައީސް މުއިއްޒު ވެސް ބިރު ގަންނާނެ ކަމެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.