ހިޔާލު ފާޅުކުރުމުގެ ހައްގާއި މިނިވަން ނޫސްވެރިކަން ހަނިވާ ގޮތަށް ފަރުމާކޮށްފައިވާ ބިލު ބޭރުކޮށްލުމަށް ދާއިރާގެ ތަޖުރިބާކާރުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ތަކުރާރުކޮށް ގޮވާލާފައިވެ އެވެ. ނަމަވެސް، މަޖިލީހުން އަވަސް އަރުވާލައިގެން ދައުރުން ބޭރުން ބޭއްވި ޖަލްސާތަކެއްގައި މި ބިލު ދިރާސާކޮށް، މިމަހުގެ 16 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު ވަނީ ފާސްކޮށްފަ އެވެ. އަދި އޭގެ އެއްދުވަސްފަހުން 18 ވީ ބުރާސްފަތި ދުވަހު ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގުކުރައްވައިފަ އެވެ.
ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގެ މުހިންމު އަސާސެއް ކަމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.
މިހެން ބުނެ އެ ގައުމުގެ ހައިކޮމިޝަނުން ރިއާޔަތްކޮށްފައިވަނީ، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސަމޯއާގައި ބޭއްވި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ބައްދަލުވުމަށެވެ. އެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ މިނިވަންކަން ނެގެހެއްޓުމަށް މެންބަރު ގައުމުތަކުން އެއްބަސްވެ އަހުދުވި އެވެ. ރާއްޖޭގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް އެވެ.
އެކަމަށް ރިއާޔަތްކޮށް ޔޫކޭ އެމްބަސީން މިއަދު ވަނީ އެ ދުވަހު ވީ އެއްބަސްވުމަށް ގަދަރުކޮށް މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް، ރާއްޖެ ހިމެނޭހެން ކޮމަންވެލްތުގެ ހުރިހާ ގައުމަކަށް ގޮވާލާ ކަމަށް ބުނެފަ އެވެ.
"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިން ހިމެނޭ ގޮތަށް އެންމެނަށް ލިބިދިނުމަށް އެމެރިކާއިން ތާއީދު ކުރާނެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ގައުމަކަށް ވެސް އަޅުގަނޑުމެން ގޮވާލަނީ ތަފާތު އަދި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެ ބިލު ފާސް ކުރުމުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި މިނިވަން ހިޔާލާއި ނޫސްވެރިކަމުގެ ހައްގު ނުހިފަހައްޓަން ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީއިން ވެސް ވަނީ ގޮވާލައިފަ އެވެ.
ސަރުކާރުގެ ނޫފުޒު ފޯރުވޭނެ ގޮތަށް މީޑިއާ ރެގިއުލޭޓުކުރުން ވަކި ކޮމިޝަނަކާ ހަވާލުކޮށްފައިވާ ގާނޫނަށް އަމަލުކުރަން ސަރުކާރުން ފެށި ނަމަވެސް، ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ އެ ގާނޫނަށް އަމަލުނުކުރާނެ ކަމަށް ބުނަމުންނެވެ. އެކަމާ ދެކޮޅުހެދުމުގެ ގޮތުން ނޫސްވެރިން ކުރަމުންދާ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން، 'މީޑިއާ ކޮންޓްރޯލް ގާނޫނޫ'ގެ ދަށުން ރައީސް އުފައްދަވާ ކޮމިޝަންގެ އިންތިހާބު ބޮއިކޮޓްކޮށް، ނޫސްތައް ރެގިއުލޭޓް ކުރަން އަމިއްލަ ނިޒާމެއް އެކުލަވާލަން ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ރޭ ވަނީ ނިންމާފަ އެވެ.
މިއީ ގާނޫނުއަސާސީ އާއި ބެސްޓް ޕްރެކްޓިސްއާ ހިލާފު ގާނޫނެއްކަން ފާހަގަކޮށް، މި ގާނޫނު ބާތިލުކުރަން ކޯޓަށް ދާންވެސް އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.