ރައީސް މުއިއްޒު އެހެން ވިދާޅުވީ، ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި ފ.ނިލަންދޫގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ރައީސް ވިދާޅުވީ ބޭރު މީހުންގެ މައްސަލަމީ އެންމެ ބޮޑު އެއް މައްސަލަ ކަމަށާ، އެކަމުގެ ސަބަބުން އާންމު ރައްޔިތުން ދިވެހިރައްޔިތުން ކުރާ ވިޔަފާރިތަކަށްވެސް ހުރަސް އެޅޭ ކަމަށެވެ. އަދި ކުދި ވިޔަފާރިތަކަށްވެސް އެމީހުން ނުގަވާއިދުން ވަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
"ނުގަވައިދުން ހިންގާ ވިޔަފާރިތައް ހޯދައި އެތަންތަން ވަގުތުން ބަންދުކޮށް، އެފަރާތްތައް ޑިޕޯޓް ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މާދަމާ އެބަ ފަށަން. މީގެ ނަތީޖާއަކަށްވާނީ ދިވެހިރައްޔިތުންނަށް ވިޔަފާރިކުރުމަށް އެއޮންނަ ހައްގު ފުރުސަތުތައް އަނބުރާ ހޯދަދިނުން." ރޭ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
ބިދޭސީންގެ މައުލޫމާތު ނެގުމަށް މި ސަރުކާރުން ކުރެވެމުންދާ މަސައްކަތުގައި މިހާތަނަށް، 178،982 ބިދޭސީއެއްގެ މަޢުލޫމާތު ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8609 މީހުން ޑީޕޯޓުކޮށްފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އަދަދުތަކަށް ބަލާއިރު މިއީ ވަރަށް ބައިވަރު މީހުން ކަމަށާއި، އެހެންކަމުން ރާއްޖޭގައި ދެ ލައްކައަށްވުރެ ގިނަ ބިދޭސީން އުޅެމުންދާނޭކަމަށް ލަފާކުރެވޭކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މިއަދު ގައުމީ ފެންވަރުގައި މުޅި ރާއްޖޭގައި އޮޕަރޭޝަނެއް ފެށުމަށް ނިންމާފައިވާކަން ރައީސް އިއުލާން ކުރެއްވިއިރު، މި އޮޕަރޭޝަން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.