ރައީސް މުއިއްޒު، މ. މުލީގައި ރޭ ބޭއްވި ޖަލްސާގައި.- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑުން ކެނޑޭވަރު 1،000 އަށް މަތިކުރަނީ
މީގެއިތުރުން ޗައިނީޒް ޔުއާން އެކައުންޓު ބީއެމްއެލްގައި ހުޅުވޭނެ ގޮތްވެސް ވަނީ ހަދާފައި
ޖުނާން އަޙުމަދު 23 ސެޕްޓެމްބަރ 2025 (އަންގާރަ)   09:10
ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް މިހާރު ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑުން ކެނޑޭނެ އެންމެ މަތީ އަދަދަކީ 500 ޑޮލަރު ކަމުގައި ވާއިރު، މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން 1000 ޑޮލަރަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ހާމަ ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާފައި ވަނީ، މުލަކު އަތޮޅަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މުލީގައި ރޭ ބޭއްވި ޖަލްސާގައި އެރަށުގެ ރައްޔިތުންނާ ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަންނަ ނޮވެމްބަރު 11 އިން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާކަމަށާ، ބޭސްފަރުވާ އަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ވެސް އެ ތާރީހުން ފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ.

މުލީގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން، މިހެން ހެދުމުގެ މަގުސަދެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، މި ބަދަލަކީ އަގުބޮޑުކޮށް ބްލެކް މާކެޓުގައި ޑޮލަރު ގަނެގެން ދިވެހިން އުޅެން ޖެހޭ "އަޅުވެތިކަމުން" މި ބަދަލު، ނޮވެމްބަރު 11 އިން ފެށިގެން ގެންނަނީ ބީއެމްއެލްގެ އަހަރީ ދުވަހާ ގުޅުވައިގެން ކަމަށެވެ.

އަދި ޑެބިޓް ކާޑަށް މި ގެންނަވާ ބަދަލުގެ އިތުރުން ވެސް ބީއެމްއެލްގައި ޗައިނީޒް ޔުއާން އެކައުންޓު ހުޅުވޭ ގޮތަށް މިހާރު ހަމަޖައްސަވާފައި ވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިގޮތަށް ހަމަޖެހެއްޒުމުން ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާ، ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޓިޑް ކާޑު އަންނަ އަހަރުގެ ފުރަތަމަ މަހުން ފެށިގެން ތައާރަފުކުރާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭރުފައިސާ ބޭނުންކުރެވޭނެ ގޮތްތަކަށް މި ފަދަ ބަދަލުތަކެއް ގެންނަވާ އިރު، މި ސަރުކާރު ވެރިކަމަށް އައީ، ޕޭޕަލް އާއި ސްކްރިލް އަދި ގޫގުލްޕޭ ފަދަ އިންޓަނޭޝަނަލް އީ ވޮލެޓްތައް ތައާރަފް ކޮށްދޭނެ ކަމަށް ރިޔާސީ ކެމްޕޭނުގައި ވައުދުވަމުންނެވެ. އެހެން ނަމަވެސް މި ބަދަލު ތަކަކީ ވައުދުވެ ވަޑައިގެން ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި ނުވާއިރު، އާންމުން ފާހަގަކުރަނީ މިއީ މިވަގުތަށް އަދި މާ މުހިންމު ކަންކަން ނޫން ކަމަށެވެ.

ކޮމެންޓް