ރައްޔިތުންގެ މަޖިލިހުން މިމަހުގެ 16 ވަނަ ދުވަހު ފާސްކޮށް، 18 ވަނަ ދުވަހު ތަސްދީގުކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ 15 ވަނަ މާއްދާގައި ބުނާގޮތުން، ގާނޫނަށް އަމަލުކުރަން ފަށާތާ 3 ދުވަހުގެ ތެރޭގައި ވަގުތީ ގޮތުން ކޮމިޝަން ހިންގަން 5 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ޖެހެއެވެ. ވަގުތީ އެކޮމިޓީ އެކުލަވާލާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށާ، އެ ކޮމިޓީގެ މެންބަރުންނަކީ ސިވިލްސާވިސް މުވައްޒަފުންގެ ތެރެއިން ޑިރެކްޓަރ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގައި ތިބި ފަރާތްތަކަށް ވާންވާނެކަމަށްވެސް އެ ގާނޫނުގައި ވެއެވެ.
ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި ކޮމިޓީ:
ގާނޫނުގައިވާ ގޮތުން ކޮމިޝަންގެ ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ފަސް މެންބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ވަގުތީ ކޮމިޓީ އަށް ކުރެވޭނެ މައިގަނޑު މަސައްކަތްތަކަތަކީ އިދާރީ މަސައްކަތްތަކެވެ. އޭގެތެރޭގައި ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި މީޑިއާތައް ރަޖިސްޓަރީ ކޮށްދިނުމަށް ހުށަހާ ހުށަހެޅުންތަކަށް ގޮތްތައް ނިންމުން ހިމެނެއެވެ.
ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާއި ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަނުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިން ބަލަން ފަށައި، ނުނިމި ހުރި މައްސަލަތައް ބަލައި ގޮތް ނިންމުމަކީ ވަގުތީ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫނެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުން ވަގުތީ މެންބަރުން އައްޔަން ކުރާތާ 30 ދުވަހުގެ ތެރޭގައި ދާއިމީ ކޮމިޝަން އެކުލަވައިލަން ޖެހެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ދާއިމީ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން އައްޔަން ކުރަން ޖެހެނީ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުންނެވެ. ބާކީ ހަތަރު މެންބަރުން އިންތިހާބު ކުރަނީ
މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ކޮމިޝަންގެ ހުރިހާ މެންބަރުން ވެސް ވަކި ކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ. އަދި ކޮމިޝަންގެ ރައީސް އައްޔަން ކުރަން ގާނޫނުގައި ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލިހުންނެވެ.