އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުﷲ - ފޮޓޯ: ހޯމް މިނިސްޓްރީ
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ޕާޓީތަކުގެ ފަލްސަފާ އެކައްޗަކަށްވާކަށް ނުޖެހޭ
އެ ޒިންމާ އަދާކުރުމަށް އެހެން ޕާޓީތަކާއެކު އަދާލަތު ޕާޓީ ދެމި އޮންނާނެ - ޝެއިޚް އިމްރާން
ޖުނާން އަޙުމަދު 21 ސެޕްޓެމްބަރ 2025 (އާދީއްތަ)   17:32
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފް އާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީ ތަކާއެކު އަދާލަތު ޕާޓީ އަށް މަސައްކަތް ކުރެވޭނެ ކަމަށާ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ޕާޓީތައް އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫންކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިމްރާން މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތަސް އިދިކޮޅުގައި ތިބޭ ޕާޓީތައް ސަރުކާރު "ޓްރެކުން" ކައްސާލާ ނަމަ އެވާހަކަ ދައްކަން ޖެހޭނެ ކަމަށާ، އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވި ފަދައިން އިދިކޮޅު ޕާޓީތަކުގެ ޒިންމާއެއް ކަމަށެވެ.

ސަރުކާރު ހަމައިން ކައްސާލާ ނަމަ އިދިކޮޅު ހުރިހާ ޕާޓީއަކަށް އެ ވާހަކަދައްކަން އެއް ޕްލެޓްފޯމަކަށް އާދެވޭނެ ކަމަށާ، އެހެންކަމުން ސަރުކާރުން ކުރާ ގޯސް ކަންކަމުގެ ވާހަކަދައްކަން އިދިކޮޅު އެމްޑީޕީއަށާއި އަދާލަތަށް ވެސް ހިތްވަރު ދެއްވާ ކަމަށް ކުރީގެ ރައީސް، ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ޕީއެންއެފުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު ހިތްވަރުދެން އިނގޭތޯ އެމްޑީޕީއަށް ވެސް ދައުލަތުން މި ކުރާ ގޯސް ކަންތައްތަކުގެ ވާހަކަދައްކަން އިނގޭތޯ؟ އެމްޑީޕީން ވެސް ހަމަ ދައުލަތުން ކުރާ ގޯސް ކަންތައްތަކުގެ ވާހަކަދައްކާ، އަދި އަދާލަތުން ވެސް ދައްކާ ދައުލަތުން ހަދާ ގޯސްތަކުގެ ވާހަކަ އިނގޭތޯ؟ ގޯސްތަކުގެ ވާހަކަ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަޅުގަނޑުމެންނަށް އާދެވޭނެ، އެއީ ހުރިހާ ޕާޓީތަކަކުން ކުރަންޖެހޭ ކަމަކީ އިނގޭތޯ؟" ޔާމީން ވިދާޅުވި އެވެ.

ޝެއިޚް އިމްރާންގެ އެކްސް ޕޯސްޓްގައި، ސިޔާސީ ޕާޓީ އުފައްދާފައި އެ ޕާޓީތަކަށް މަތި ކޮށްފައި އޮތް ޒިންމާއެއް އޮތްކަން ފާހަގަކުރައްވާ ވިދާޅުވީ، އެ ޒިންމާ އަދާކުރުމަށް އެހެން ޕާޓީތަކާއެކު މަސައްކަތް ކުރުމުގައި އަދާލަތު ޕާޓީން ދެމި އޮންނާނެ ކަމަށެވެ.

"ސަރުކާރު ހަމަމަގުން ކައްސާލައިފި. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފް އާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީ ތަކާއެކު އަދާލަތު ޕާޓީ އަށް މަސައްކަތް ކުރެވޭނެ. ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫން ކަން އަޅުގަނޑުމެންވެސް ޤަބޫލޫކުރަން. ކޮންމެ ސަރުކާރެއް އޮތަސް އިދިކޮޅުގައި ތިބޭ ޕާޓީތައް ސަރުކާރު ޓްރެކުން ކައްސާލާ ކަމަށްވާ ނަމަ އެވާހަކަ ދައްކަން ޖެހޭނެ، ރައީސް ޔާމީން ވިދާޅުވި ފަދައިން އެއީ ޕާޓީތަކުގެ ޒިންމާއަކީ." ޝެއިޚް އިމްރާން ވިދާޅުވިއެވެ.

އެންމެ ފާޅުކަންބޮޑު ގޮތެއްގައި މި ސަރުކާރަށް ފާޑު ވިދާޅުވާ އެއްބޭފުޅެއް ކަމަށްވާ، ޝެއިޚް އިމްރާން މިދިޔަ ބުދަ ދުވަހު ވެސް މީސްމީޑިއާގައި ވިދާޅުވެފައި ވަނީ، ރައީސް މުއިއްޒު އާ ދެކޮޅަށް ފަހަރަކު މީހަކު ނިކުންނަމުން ގޮސް މި ވެރިކަން ނިމޭނީ ޕީއެންސީގެ މަޖިލިސް މެންބަރުންވެސް ރައީސް މުއިއްޒުގެ ވެރިކަމާ ދެކޮޅަށް ނިކުންނަވައިގެން ކަމަށެވެ.

އަދި ރައީސް މުއިއްޒު މިހާރު ތަސްދީގު ކުރައްވާފައިވާ މީޑިއާ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން، އެ ބިލު ތަސްދީގު ނުކުރެއްވުމަށް އެދިވަޑައިގެން، އެކަމަށް ފާޑުވިދާޅުވެ ޝެއިޚް އިމްރާން ވިދާޅުވެފައި ވަނީ، ފާއިތުވި ގަރުނެއްހާދުވަހު، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންހިގާފައިވާ ގޮތައް ބަލާއިރު،  ރައީސް މުއިއްޒު މީޑިޔާ ކޮންޓްރޯލް ބިލް ތަސްދީގު ކުރަށްވައިފި ކަމަށް ވާނަމަ މާނައަކީ ވެރިކަން ނިންމުމުގެ ދޮރު އަމިއްލަފުޅަށް ހުޅުއްވާ ދެއްވީ ކަމަށާ، ދެން އެ ދޮރު ބަންދުކުރުމުގެ ކުޅަދާނަ ކަން ރައީސް މުއިޒު އަށް ލިބިވަޑައިގެން ނުވާނޭ ކަމަށެވެ.

ކޮމެންޓް