ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުالله - ފޮޓޯ: އަދާލަތު ޕާޓީ
ހުރިހާ ސިޔާސީ ލީޑަރުން އެކުގައި މަސައްކަތް ނުކޮށްފިނަމަ 2028ގެ އިންތިހާބު ނޯންނާނެ
މަރްޔަމް މުޙައްމަދު 23 ސެޕްޓެމްބަރ 2025 (އަންގާރަ)   10:24
ހުރިހާ ސިޔާސީ ލީޑަރުން އެކުގައި މަސައްކަތްކޮށް، ރައީސް މުހައްމަދު މުއިއްޒު ހަމަ މަގަށް ނާޅުވައިފި ނަމަ 2028 ގެ ރިޔާސީ އިންތިހާބެއް ނޯންނާނެކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މި ވެރިކަމާއެކު އުފެދިފައިވާ މައްސަލަތައް ހައްލުކުރަން އެދޭނަމަ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް އެކުވެގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާ، ނޫނަމަ 2028 ގެ ރިޔާސީ އިންތިހާބު ވެސް ނޯންނާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރާ ކަމަށެވެ.

"އަދި ދިވެހި ރައްޔިތުންނަށް އާ ސަންދައިން ބޭސްފަރުވާ ކުރެވެން އެދޭ ނަމަ، މެދު ނުކެނޑި ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ލިބުމަށް އެދޭ ނަމަ، ފަސޭހަ ކަމާއެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން އެދޭ ނަމަ 2028 ގައި ރައީސް ކަމަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑީ ކޮން ޕާޓީއަކަށްތޯ ކޮން ބޭފުޅަކަށްތޯ ބަލަން ނުތިބެ ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް އެކުވެގެން މަސައްކަތް ކުރަންވީ ވަގުތު މިއޮތީ ޖެހިފަ،" އިމްރާން ވިދާޅުވި އެވެ.

މި ސަރުކާރު ހަމަ މަގަށް އަޅުވަންޖެހޭ ސަބަބުތަކުގެ ތެރޭގައި ޝެއިޚް އިމްރާމްގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވާ ބައެއް ކަންކަމަކީ، ވިޔަފާރިތައް ބަނގުރޫޓުވަމުން ދިޔުމާއި މާލީ ދަތިކަން ކުރިމަތިވެ ތަދުމަޑުކަމަކަށް ދިޔުމުގެ ފުރުސަތު އޮތުމާއި، ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގުރުބާން ވެގެން ދައުލަތް ހިންގުމަށް އެކަށައަޅާފައިވާ ހަރުދަނާ ނިޒާމު ހަރާބުކޮށް ސުންނާފަތި ވަމުން ދިޔުން ވެސް ހިމެނޭ ކަމަށެވެ.

މި ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވެ، ޝެއިޚް އިމްރާމް އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފް އާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީ ތަކާއެކު އަދާލަތު ޕާޓީ އަށް މަސައްކަތް ކުރެވޭނެ ކަމަށާ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ޕާޓީތައް އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫންކަމަށެވެ.

ކޮމެންޓް