މިކަމަށް ގޮވާލާ އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނުގައި ވަނީ، މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރި އެ ބިލުން ޑިމޮކްރެޓިކް ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށާ، އެތައް ނޫސްވެރިންނާއި ޖަމާއަތްތަކުން ބިލާ ދެކޮޅު ހަދަމުން ދަނިކޮށް، ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިގެން ބިލު ފާސްކުރުމަކީ ސަރުކާރުގެ ނުނިޔަތެއް އެކަމުގައި އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ކުރަން ޖެހޭ ވަރަށް ދިރާސާނުކޮށް، ހޯދަންވީ ވަރަށް ހިޔާލު ނުހޯދައި މިފަދަ ހައްސާސް ބިލެއް ފާސްކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ކަންކަން ކުރެވެމުންދާ ގޮތާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އަދާލަތުޕާޓީގެ ބަޔާނުގައި ވެއެވެ.
އެހެންކަމުން މި ބިލުގެ ސަބަބުން ރާއްޖޭގެ ދިމިގްރާތީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެގެން ދާނެތީ، މި ބިލު ތަސްދީގުނުރައްވާ އަލުން މަޖިލީހަށް ފޮނުވާލުމަށް އަދާލަތު ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ރައީސް މުޙައްމަދު މުއިއްޒަށް ގޮވާލާ ކަމަށާ، ހަމައެހެންމެ، އެޕާޓީން ވަނީ، މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް، ކަށަވަރުކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދީފައެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ސަރުކާރާ ގުޅިގެން ހުށަހެޅުއްވި މިބިލު މަޖިލީހުން އިއްޔެ ފާސްކުރީ، މަޖިލިސް ދޮށުގައި ނޫސްވެރިންނާއި އާންމުން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ. އަދި ބިލަށް ވޯޓަށް އަހާފައި ވަނީ ވެސް، އެމްޑީޕީގެ މެންބަރުންތަކެއްގެ ނަން އިއްވައި ތަޅުމުން ބޭރުކުރުމަށްފަހުގައެވެ.