އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު.- ފޮޓޯ: ރައީސް އޮފީސް
ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އެދިއްޖެ
ދިވެހީންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ދިވެހީންގެ ތިޔާގިކަމަށް އިސްކަން ދޭނަން: އިކޮނޮމިކް މިނިސްޓަރ
ހަސަން އިބްރާހީމް 27 ނޮވެމްބަރ 2025 (ބުރާސްފަތި)   22:55
ބިދޭސީން ރާއްޖޭގައި ގާނޫނާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ބިދޭސީން ގާނޫނާ ހިލާފަށް ވިޔަފާރިކުރާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެ ވިޔަފާރިތައް މައިގަނޑު ގޮތެއްގައި ކުރަނީ ދެ ގޮތަކަށް ކަމަށް އިއުލާނުގައި ބުންޏެވެ.

އެއް ގޮތަކީ، އިއުލާނުގައި ބުނެފައިވާ ގޮތުން، ލައިސަންސާއި ހުއްދަ ހޯދުމަށް އިސް ސަފުގައި ދިވެހިން ބޭނުންކުރިއަސް ވިޔަފާރި ހިންގުން މައިގަނޑު ގޮތެއްގައި ބިދޭސީން ކޮންޓްރޯލްކުރާ ވިޔަފާރިތަކެވެ. އަދި ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ ދަށުން ބިދޭސީންނަށް މަނާކޮށްފައިވާ ދާއިރާތަކުގައި ބިދޭސީން ހަރަކާތްތެރިވާ ކަމަށް ވެސް ބުންޏެވެ.

އެކަމަށް ހައްލު ހޯދަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ފޮރިން އިންވެސްޓްމަންޓު ގާނޫނަށް ބަދަލުތަކެއް ގެނެސް 2024 ސެޕްޓެމްބަރު 3، ގައި ޝާއިއުކޮށްފައިވާކަން ފާހަގަކުރި އެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ލިބިފައިވާނަމަ، އެ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު ނުވަތަ އެ މިނިސްޓްރީގެ ނަމްބަރު 3333199 އަށް ގުޅައިގެން ނުވަތަ އިމުގަ ޕޯޓަލް އިން މައްސަލަ ހުށަހެޅޭނެ އެވެ.

މިނިސްޓްރީން ބުނީ އެ މައުލޫމާތު ފޮނުވާނީ ގާނޫނާ ހިލާފަށް ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވުމަށް ހާއްސަކޮށްފައިވާ ގައުމީ ޓާސްކް ފޯހަށެވެ. އެ ޓާސްކްފޯހުގައި ހިމެނެނީ އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީ އާއި ޕޮލިހާއި އިމިގްރޭޝަން އަދި ސަރުކާރުގެ ކަމާގުޅޭ އެހެން އިދާރާތަކެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކުރި އިއުލާން، އެކްސްގައި ހިއްސާކުރައްވައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާ، މިފަދަ ވިޔަފާރި ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ރައްޔިތުން ނުހަނު ކަންބޮޑުވާ ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ލިބުނު އިތުރު ބާރެއްކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ 1979 ވަނަ އަހަރު ހަދާފައި އޮތް ފޮރިން އިންވެސްޓްމަންޓް ޤާނޫނު، 46 އަހަރަށްފަހު ނިމުމަކަށްގެނެސް، މިޒަމާނަށް ފެތޭ، އަދި މާޒީގައި ކުރެވިފައިވާ އެކި ތަޖުރިބާތަކުގެ އަލީގައި އޭރުއްސުރެ ކުރިމަތިވަމުން އައި މައްސަލަތައް ޙައްލުކުރެވޭނެ ހަރުދަނާ ޤާނޫނެއް މުޅީން އަލަށް އެކުލަވާލުމަކީ ބިދޭސީން ނުގަވާއިދުން ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ފުރިހަމަ ބާރުވެރިކަމާއެކު ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ފަހިކުރި ފުރުސަތެއްކަމަށެވެ. އަދި އަންނަ ހަފުތާއިން ފެށިގެން މިމަސައްކަތް ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ތަންފީޒީ އިދާރާތަކާއި، ވަކީން ހާއްސަކޮށް ހޯމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށްވެސް މިނިސްޓަރު ފާހަގަކުރައްވާފައި ވެއެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ކޮންމެ ކަންބޮޑުވުމެއް ހައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެންކަމަށެވެ. އަދި ނުގަވާއިދުން ވިޔަފާރިކުރާ އެކަކަށްވެސް ފުރުސަތު ނުދިނުމަށާއި ދިވެއްސެއްގެ ނިވަލުގައި ފިލާހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އެންމެން އެއްރޫހެއްގައި އެއްބާރުލައިގެންކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި ސަރުކާރުން، ރައްޔިތުންގެ މި ކަންބޮޑުވުމަށް އިރާދަކުރެއްވިއްޔާ ހައްލު ގެނަސްދީ، ދިވެހީންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ދިވެހީންގެ ތިޔާގިކަމަށް އިސްކަން ދޭނަން،" މިނިސްޓަރު ސައީދު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް