ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ތެރެއިން - ފޮޓޯ: އިމިގްރޭޝަން
ބިދޭސީން ބަޔޯމެޓްރިކްސް ނުދޭނަމަ މިއަދުން ފެށިގެން ޑީޕޯޓުކުރަން ފަށާނަން - ރައީސް
މަރްޔަމް މުޙައްމަދު 15 ނޮވެމްބަރ 2025 (ހޮނިހިރު)   09:22
ބަޔޯމެޓްރިކްސް ނުދީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މިއަދުން ފެށިގެން ޑީޕޯޓް ކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިކަން އިއުލާންކުރެއްވީ ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށާ، މީގެ ކުރިން މި މައްސަލަ ހައްލުކުރަން މަސައްކަތްކޮށްފައި ނުވާކަމަށެވެ.

ނަމަވެސް މި ސަރުކާރުން ފެށި "ކުރަނގި އޮޕަރޭޝަން"ގެ ސަބަބުން އެ މައްސަލައަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގާފައިވާ ކަމަށާއި، މިހާރު ރާއްޖޭގައި ތިބި ބިދޭސީންގެ މައުލޫމާތު ސަރުކާރަށް އެނގޭ ކަމަށާ، ބަޔޯމެޓްރިކްސް ނުދޭ އެންމެ ބިދޭސީއަކަށް ވެސް ކަނޑައެޅިފައިވާ މުއްދަތުގެ ނިޔަލަށް ރާއްޖޭގައި ނުހުރެވޭނެ ކަމަށެވެ.

މި މަސައްކަތަކީ މިއީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި ހިމެނިފައިވާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ މީހުން ފެނިއްޖެނަމަ ވަގުތުން ޑީޕޯޓް ކުރާނެ ކަމަށެވެ.

ކޮމެންޓް