ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވިނަމަވެސް ހުވާނުކުރާ ކަމަށް ކޯޓުގައި ބުނެފި
ފިޔެސް 9 އޯގަސްޓް 2025 (ހޮނިހިރު)   14:38
ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވިނަމަވެސް ހުވާނުކުރާ ކަމަށް ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފުލުހުންގެ ކޮންސްޓަބަލް އެއް ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް މި ޝަރީއަތުގެ މަޖިލީހަކީ، ގދ.ތިނަދޫ، ދަފްތަރު ނަންބަރު 47، މުޙައްމަދު ސާޖިދު އަހުމަދު، ވޭޕް ގެންގުޅެ އެތަކެތި ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އޭނާ ދިރިއުޅޭ ގެއިން އިލެކްޓްރޯނިކް ސިގިނރޭޓާ ގުޅޭ ހެކިތަކުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާތީ އެކަމާ ގުޅުންހުރި މައްސަލައެވެ.

އެ މައްސަލައިގާ ސާޖިދު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ގދ.ތިނަދޫ ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފައެވެ. ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ ތިނަދޫ ކޯޓުގެ ނިންމުން ބަދަލުކުރުން އެދިއެވެ.

ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވި ނުކުތާގައި ވިދާޅުވީ ސާޖިދު ދިރިއުޅޭގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، އެތަކެތީގެ ޖުމްލަ ބަރުދަން 191.92 ގްރާމަށް އަރާކަމަށެވެ. އެހެންވެ އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ހާޒިރު ކުރުމުން، ހައްޔަރު ގޯސްކަމަށް ކަނޑައަޅާ ތިނަދޫ ކޯޓުން ދޫކޮށްލަން ނިންމި ނިންމުން ބަދަލުކުރަން އެދޭ ކަމަށެވެ.

އަދި އިސްތިއުނާފް ރައްދުވާ ފަރާތަކީ 7 މެއި 2025 ހުން ފެށިގެން ފުލުހެއް ކަމަށާ، ފުލުހެއްގެ ވާޖިބު އަދާކުރުމުގެ ހުވާގެ މަތީގައި ހުރިއިރު، ގާނޫނަކުން މަނާކޮށްފައިވާ ކަމެއް ކުރުމުގައި ޖިނާއީ ކުށަކަށް އަރައިގަނެފައިވާ ކަމަށް ގާނޫނުލްއުގޫބާތާ ހަވާލާ ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް ސާޖިދުގެ ދިފާއުގައި ވާހަކަ ދައްކަވަމުން އޭނާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ދައުލަތުން ވިދާޅުވީ ރަނގަޅު ވާހަކައެއް ނޫންކަމަށާ، އޭނާގެ މުވައްކިލަކީ "ހުވައެއްގެ މަތީގައި ހުވާކޮށްގެން ހުރި ފުލުހެއްވެސް ނޫން" ކަމަށެވެ.

އެހެންކަމާއެކު އެކަމާ ސުވާލު އުފެދިގެން މައްސަލަ ބައްލަވަން ތިއްބެވި ފަނޑިޔާރުން ތަކުރާރުކޮށް ސުވާލު ކުރައްވަން ފެއްޓެވުމުން، ސާޖިދު ބުނީ އޭނާ ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވި ކަމަށާ އެހެންނަމަވެސް ހުވާނުކުރާ ކަމަށެވެ.

"އާދެ، ކޮންސްޓަބަލަރީގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮތް. އެތަނަށް އަޅުގަނޑުވެސް ދިޔައިން. އެކަމަކު އަޅުގަނޑު ހުވާއެއް ނުކުރަން. އަޅުގަނޑު ހުރީ އެތާ." ސާޖިދު މިހެން ބުނުމުން އޭގެ މާނައަކީ ކޮބައިތޯ ފަނޑިޔާރު ސުވާލު ކުރައްވައެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށް ގޮސް ކުރީ ކީއްތޯ އައްސަވައެވެ.

"ހަމަ ހުރީ މިގޮތަށް... އެއީ އެދުވަހު އަޅުގަނޑު ދެން ރަސްމިއްޔާތަށް ގޮސްވެސް ކުޑަކޮށް ބިރުގަތީ އެއީ ﷲ ގަންދީ ކުރަންޖެހޭ ހުވައެއްވީމަ، އޭގަ އަންނަ ކަންތައްތަކަށް ވިސްނާލީމަ." ފަނޑިޔާރުގެ ސުވާލަށް ޖަވާބުދެމުން ސާޖިދު ބުނެފައި ވެއެވެ.

ޝަރީއަތުގެ މަޖިލީހުގައި ސާޖިދު ބުނިގޮތުން އޭނާ ހުވާ ނުކުރިޔަކަސް ހުރީ ފުލުހުންގެ ކޮންސްޓަބަލް އެއްގެ ވަޒީފާގައެވެ. އޭނާއަށް މުސާރަ ލިބުނުތޯ ފަނޑިޔާރު އެއްސެވުމުން އެއްމަހުގެ މުސާރަ ލިބުނު ކަމަށްވެސް އޭނާ އެއްބަސްވިއެވެ.

އެވާހަކައަށްފަހު ސާޖިދުގެ ވަކީލު ވިދާޅުވީ ހުވާކުރިންތޯ އޭނާގެ މުވައްކިލު ކުރެން ކުރިން އެހި ކަމަށާ، އެ ރަސްމިއްޔާތަށްވެސް ނުދާ ކަމަށް އޭރު ބުނި ކަމަށެވެ. އަދި ސާޖިދު ހުވާނުކޮށް ހުރިކަމަށްބުނެ ދައްކާ ވާހަކައިގެ ދިފާއުގައި އޭނާގެ ވަކީލު ވާހަކަ ދައްކަވާތީ އެކަމާ ފަނޑިޔާރުން ވަރަށްބޮޑަށް ސުވާލު އުފެއްދެވިއެވެ.

"ހުވާކުރުމުގެ ރަސްމިއްޔާތުގެ އެ ފަންކްޝަނުގައި ބައިވެރިވެފައި، އެތާނގަ ހުވާކުރަން ކޮޅަށްހުރެފައި.. ކިހިނެއްތޯ މިސާލަކަށް 100 މީހުން 500 މީހުންނަށް ހުވާ ލައިދޭ ތަނެއްގައި އަނގަބަހުން އެންމެން ހުވާ ކިޔާތޯ ބަލަންދަނީ." ފަނޑިޔާރު ވިދާޅުވީ ހުވަޔާ ބެހޭގޮތުން ވަރަށްބޮޑު ދޮގެއް ހަދާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން މިހާތަނަށް ފުލުހުންގެ ފަރާތުން އަދި އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.

ޝަރީއަތް ކުރިއަށްދިޔަ ގޮތުގެ ވީޑިއޯ އެއްކޮށް ބެއްލެވުމަށް

ކޮމެންޓް
ޝުހާ
1 month ago
މީ ކޮންކަހަލަ މީހެއް. މިކަހަލ މީހުންދޯ ޕޮލިސް އަށް މި ވައްދަނީ.