ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އިވެންޓްތަކުގެ އާކައިވް ހިމެނޭ އަދި އިވެންޓްތައް ލައިވްވެސްކުރާ ޔޫޓިއުބް ޗެނަލް މިހާރު ފެންނަން ނެތީ ހެކްކުރުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
އެކަމާ ގުޅޭ މައުލޫމާތު ފިޔެސް އިން ހޯދަން މަސައްކަތް ކުރިނަމަވެސް އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ނުރަސްމީކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗެނަލް ހަދާފައިވާ ގޫގުލް އެކައުންޓް ވަނީ ހެކްކޮށްފައެވެ.
އެކައުންޓު ހެކު ކުރުމުގެ ކުރިން ރޭ ރައީސް މ. މުލީ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުން ވެސް ލައިވް ސްޓްރީމުކޮށްފައިވެ އެވެ.
އެހެންނަމަވެސް ރޭ ދަންވަރު ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލުން ފެންނަން ހުރީ ކްރިޕްޓޯ ކަރަންސީއާ ގުޅޭ ލައިވް ސްޓްރީމެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ފެށިގެން މިހާތަނަށް ރާއްޖޭގެ ރައީސުން ބައިވެރިވެވަޑައިގެންނެވި ހަފްލާތަކާއި ރަސްމިއްޔާތުތަކުގެ ލައިވް ވީޑިއޯތަކާއި ދެއްކެވި ވާހަކަފުޅުތައް ވެސް ހިމެނޭ ޔޫޓިއުބް ޗެނަލަށް ވަނުމުން އަންނަ ނޯޓިސް އަކީ އެ ޕޭޖް އެވެއިލަބަލް ނޫން ކަމަށެވެ.
ނުރަސްމީކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކައުންޓު އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.