ރައީސް މުއިއްޒު، މީޑިއާ ފެންޑާ އިފްތިތާޙް ކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް މަސައްކަތްކުރާތީ މީޑިއާ ފެންޑާ އުވާލައިފި
ޖުނާން އަޙުމަދު 14 ސެޕްޓެމްބަރ 2025 (އާދީއްތަ)   19:41
މީޑިއާ ކޮންޓްރޯލްކުރުމަށް މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް ބިލާ ދެކޮޅަށް ނޫސްވެރިން އެއްވަމުންދިޔަ، ރައީސް އޮފީހުގެ ކުރިމަތީ މި ސަރުކާރުން ގާއިމު ކުރި މީޑިއާ ފެންޑާ އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނ މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، މީޑިއާ ފެންޑާއަށް ނޫސްވެރީންގެ ނަމުގައި ވަދެ، އެތަން ބޭނުންކުރުމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާ ކަމަށެވެ.

އެހެންކަމާއެކު އެ ތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ކުރަމުންދާ ކަމަށާ، އަދި ގްރީންޒޯންގައި ހުންނަ މި ތަނުގައި ޢާއްމު މަޞްލަޙަތު ގެއްލޭ، އަދި ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށްވެސް ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.

"ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ގަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް އަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި އާއްމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެކެވެ." ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެތަނުގެ ބޭނުން ހިފުމަށް ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރިން ޝަކުވާ ކުރި ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް، މިއަހަރުގެ މެއި 29 ގައި އެތަން ހުޅުވި ފަހުން އެތަނުގެ ބޭނުން ނޫސްވެރިން ކުރާތީއެއް ނުފެނެއެވެ.

މީޑިއާ ކޮންޓްރޯލްކުރުމަށް މަޖިލީހުގައި ސަރުކާރުން ރާވައިގެން މީޑިއާ ކޮންޓްރޯލް ކުރުމަށް މަޖިލީހުގައި މަސައްކަތް ފެށި ހިސާބުން ނޫސްވެރިން ދަނީ މަޖިލީހުގައި އޮތް މީޑިއާ ބިލް ބޭރުކޮށްލުމަށް ގޮވާލަމުންނެވެ. އެކަމަށް ގޮވާލައި ފުރަތަމަ އެއްވުން އޮތީ އޮގަސްޓް 27 ވަނަ ދުވަހު މަޖިލިސް އިދާރާ ކައިރީގައެވެ. 

އެ ދުވަހު ބިލް ބަލައިގަނެ، މަޖިލިސް ކޮމިޓީއަށް ބިލް ފޮނުވުމުން ނޫސްވެރިން ވަނީ ރައީސް އޮފީސް ދޮށަށާއި ރައީސް ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް އެއްވެ "ބިލް ބޭރުކުރުމަށް" ގޮވާލާފައެވެ. ޖެހިގެން އައި ދުވަހު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ނޫސްވެރިން އެމީހުންގެ ނޫސްވެރިކަމުގެ މަސައްކަތް ފެށީ މީޑިއާ ފެންޑާގައެވެ. އަދި އޭގެ ފަހުން އެކި ދުވަހު އެތަނުގައި ތިބެ މީޑިއާ ބިލް ބޭރުކުރުމަށާއި މީޑިއާގެ ދިފާއުގައި އެކި ޝުއޫރުތައް ފާޅުކުރެއެވެ.  

ކޮމެންޓް