ޔޫއޭއީގެ ޝާރުޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުން އިންތިޒާމުކުރި އެ ފޯރަމް މިއަހަރު ދިވެހިރާއްޖެއަށް ޚާއްސަ ކޮށްފައިވާއިރު، ޝަރަފުވެރިއެއްގެ ގޮތުން ދަޢުވަތު އަރުވާފައިވަނީ ރާއްޖޭގެ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ނަޞީރަށެވެ.
މިމަހުގެ 22 ހުން 26 ގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމްގެ އިފްތިތާޙީ ރަސްމިއްޔާތުގައި ޝާރުޖާގެ ސުޕްރީމް ކައުންސިލް މެންބަރު އަދި ޙާކިމް ޞާޙިބުއްސުމުއްވު އައްޝައިޚް އައްދުކްތޫރު ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީ ބައިވެރިވެވަޑައިގަތެވެ.
އިފްތާހީ ރަސްމިއްޔާތަށްފަހު، އިއްޔެ ހެނދުނުގެ ދަންފަޅީގައި ވަޒީރު ނަޞީރު ވަނީ ދިވެހިތާނައަކުރާއި، އަރަބި އަކުރާ ހުރި ގުޅުމުގެ މައްޗަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.
ޖުމްލަ 37 ގައުމަކުން ތަމްސީލުކުރަމުންދަ މި ފޯރަމްގައި ރާއްޖޭގެ ވަފުދުގައި ވަޒީރު ނަޞީރު އަރިހުގައި، ދިވެހި ޤައުމިއްޔަތުގެ ތާރީޚު ވަރުގެ އިސްވާރު، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރާއި ދިވެހި ޤައުމިއްޔަތުގެ ފަންނުވަރުގެ އިސްވާރު ޢިޝާ ޢަބްދުލްޢަޒީޒު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
'ޝާރުޖާ އިންޓަނޭޝަނަލް ނެރޭޓަރ ފޯރަމްގެ އިފްތިތާހީ ރަސްމިއްޔާތުގެ ތެރެއިން.--
މި ފޯރަމްގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ ހުރިހާ ޚަރަދެއް ހަމަޖައްސާފައިވަނީ ޔޫއޭއީ ސަރުކާރުން ކަމަށް ސަގާފަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދީފައި ވެއެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ އިއާދަކުރެއްވުމުގެ ޚިދުމަތަށް އުފެއްދެވި ދިވެހި ޤައުމިއްޔަތުގެ އިސްވަރުން މި ދަތުރުގައި ބޭފުޅުން ބައިވެރިވެވަޑައިގަތީ، ފޯރަމުގައި ވާހަކަ ހުށަހެޅުއްވުމުގެ އިތުރަށް ޒަމާނީ ޓެކްނޮލޮޖީއާ ޢިލްމީ އާ ވިސްނުންތަކާއެކު ދުނިޔޭގައި ތަރިކައިގެ ދާއިރާ ތަމްސީލުކުރާ އުފެއްދުންތެރި އީޖާދީ އާ ގޮތްތަކަށް އަހުލުވެރިވެވަޑައިގެން، ރާއްޖެއަށް އެ ގޮތްތައް ތަޢާރަފުކުރެއްވުމަށެވެ.
ސަގާފަތާ ބެހޭ ވުޒާރާއިން ބުނީ، "ދަތުރުވެރީންގެ ވާހަކަ" ޝިޢާރުގެ ދަށުން ބާއްވާ އެ ފޯރަމުގެ މަގުޞަދުތަކުގެ ތެރޭގައި އެކި ގައުމުތަކުގެ ތާރީޚާއި ސަގާފަތާއި އާދަކާދަތައް ބޭރު ދުނިޔެއަށް ދައްކުވައިދިނުމާއި ފަންނުވެރީންގެ ހުނަރުތައް ކުރިއެރުވުން ހިމެނޭ ކަމަށެވެ.
އެ ފޯރަމުގައި ރާއްޖޭގެ ތަރިކައާއި މާދަރީބަހުގެ ޢިލްމުވެރީންނާއި، ފަންނާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބި، ފަންނުވެރީންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ލިބިފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ.