
އެކަން ހާމަކުރައްވާ މިރޭ އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މަރުކަޒީ ބޭންކު އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަދި ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމާއި އެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މަހުމޫދު ރާޒީގެ ބައިވެރިވުމާ އެހީތެރިކަން އެ ކޮންފަރެންސަަށް ލިބޭނެ ކަމަށާ، އެ ކޮންފަރެންސްގެ ތާރީހާއި ތަނަކާއި އެޖެންޑާ އަދި ރަޖިސްޓަރީ ކުރާނެ ގޮތުގެ ތަފުސީލު ވެސް ކުރިއަށް އޮތް ހަފުތާގައި އާންމު ކުރާނެ ކަމަށެވެ.
"މިއީ އާންމުންގެ ބައިވެރިވުމާއި ގާނޫނީ ވަކާލާތުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ދެމެހެއްޓެނިވި ދިގު ރާސްތާގައި ފަށާ ހަރަކާތެއްގެ ފެށުމެވެ،" ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.
ނަޝީދުގެ އިސްނެންގެވުމަކަށް ބާއްވާ ކޮރަޕްޝަނާ ދެކޮޅު ކޮންފަރެންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ވެސް ނަގާނެ ކަމަށް އެ މަނިކުފާނުގެ އޮފީހުގެ ބަޔާނުގައި ބުނެއެވެ. އަދި ލިޔެކިޔުން މުތާލިއާކޮށް، ގާނޫނީ އިސްލާހުތަކާއި ދެފުށް ފެންނަ އިޖުރާއަތްތަކާއި އުސޫލުތައް އަދި ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން އިސްތިރާޖީ މަޝްވަރާތައް ކުރާނެ ކަމަށް ވެސް އެ އޮފީހުގެ ބަޔާނުގައި ވެއެވެ.
އަދި އެކި ސަރުކާރުތަކުގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލައި، ތަހުލީލު ކުރަން ބާއްވާ އެ ކޮންފަރެންސްގައި ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމައުގެ ލީޑަރުންނާއި ނޫސްވެރިންނާއި ބައިނަލްއަގްވާމީ އޮބްޒާވަރުން ބައިވެރިވާނެ ކަމަށާ، ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ މީހުންގެ މެދުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ބަލައި "ގަނޑަށް އެ ކަންކަން ތިރި ކުރެވޭނެ" ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މި ކޮންފަރެންސާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުން ނޫން ކަމަށާ، އެ ވައްކަމުގައި ދިވެހިންގެ ކިބައިން ފޭރިގަނެވެނީ ފުރުސަތާއި އަބުރާއި އިއްޒަތް އަދި އިންސާފު ކަމަށެވެ.
"އެ އާދަކާދަ ބަދަލުކުރާން ބޭނުންވާ ބައިނަލްއަގްވާމީ އަދި އެތެރޭގެ އެހީ އާއި ހަރަކާތްތެރިކަމަށް ވެސް މި ކޮންފަރެންސް މެދުވެރިކޮށް ފަހި ކުރެވޭނެ އެވެ. މި ކޮންފަރެންސަކީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު އިޔާދަ ކުރުމަށާއި ޕަބްލިކް އޮފިޝަލުން ކުރެން އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާރު ކުރުމަށް ހިންގާ ފުޅާ މަސައްކަތެއްގެ ތެރެއިން ބައެއް،" ނަޝީދު ވިދާޅުވި ކަމަށް އެ ބަޔާނުގައި ވެއެވެ.
ރައީސް ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާން
ކޮރަޕްޝަންގެ މައްސަލަތަކުގެ އަޑުގަދަވެ، އެފަދަ މައްސަލަތަކާ ގުޅިގެން ތުހުމަތުތައް ކުރެވޭ ސިޔާސީ ބައެއް މީހުންނަށް ހުކުމް ކުރަމުން އަންނަ މި ދަނޑިވަޅުގައި ރައީސް ނަޝީދުގެ އޮފީހުން މިކަން ހާމަކުރެއްވި އިރު، އިއްޔެ ވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢީދު މުޙައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ނިންމާ ހަތަރު އަހަރުގެ ޖަލުހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައެވެ.
އަދި މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ މައުމޫންގެ މައްޗަށް ވެސް ރިޝްވަތުގެ ދެ ދައުވާއެއް ކޮށް އެކަންކަން ސާބިތުވާ ކަމަށް ނިންމާ، އޭނާ 12 އަހަރަށް ޖަލަށްލުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ.
ކޮރަޕްޝަނާ ދެކޮޅު މޭރުމަކުން ރައީސް މުއިއްޒު އެންމެފަހުން ވިދާޅުވެފައި ވަނީ، ކޮޅުމަޑުލު ތިމަރަފުއްޓަށް މިދިޔަ ހޮނިހިރު ދުވަހު ވަޑައިގަންނަވާ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނާ މުހާތަބުކުރައްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެސެޓް ރިކަވަރީ ބިލު ގާނޫނަކަށް ވާ ދުވަހުން ފެށިގެން، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން، ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނޭކަމަށެވެ.




