ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް.-- ފޮޓޯ: އެމްއެންޔޫ
ޤައުމު ބިނާކުރުމުގައި ޤައުމީ ޔުނިވާސިޓީއަކީ ޚާއްޞަ މޭސްތިރިއެއް - ވަޒީރު ނަޞީރު
ފިޔެސް 31 އޮކްޓޯބަރ 2025 (ހުކުރު)   06:45
ޤައުމު ބިނާކުރުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އަކީ ޚާއްޞަ މޭސްތިރިއެއް ކަމަށާއި ޤައުމު ފަރުމާކުރުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އަކީ ވަރަށް ޚާއްޞަ ފަރުމާވެރިއެއް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ 2025 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ދަސްވެނިވި ދަރިވަރުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަކީ މަދުރަސީ މާހައުލަށްޓަކައި މުދައްރިސުން އުފައްދާ ބައެއްކަމަށާއި ރާއްޖެއަށް ބޭނުންވާ ތަފާތު އެތައް ދާއިރާތަކަކުން އެތައް މީހުން އުފައްދަވާ ބައެއް ކަމަށެވެ.

އެންމެ ކުރުކޮށް ދަންނަވާ ނަމަ މި މަސައްކަތަށް ކިޔަނީ ޤައުމު ބިނާ ކުރުން ކަމަށާއި އަދި ޤައުމު ބިނާކުރުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަކީ ޚާއްޞަ މޭސްތިރިއެއްގެ އިތުރުން މިކަމަށް ޚާއްޞަ ފަރުމާވެރިއެއް ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހި ޤައުމު ބިނާކުރުމަކީ ދިވެހީން ބިނާކުރުންކަމަށާއި، ޤައުމު ބިނާކުރުމަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަން، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ތަޤްރީރުގައި ވަރަށް ރީތި އިބާރާތުން ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވި ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެއީ ސިކުނޑި ބިނާ ކުރުމާއި އުމްރާނީ ބިނާކުރުން ކަމަށާއި ރާއްޖެއަށް ބޭނުންވާ ބޯހިޔާވަހިކާމާއި ޞިއްޙީ ހިޔާވަހިކަމާއި އެނޫން ވެސް އެތައް އުމްރާނީ ބިނާކުރުންތަކާއި އެތަންތަނުގައި ދެވޭ ޚިދުމަތް ކަމަށެވެ.

އެހެންކަމުން އެތަންތަން ދެމެހެއްޓުމަށްޓަކައި ޚުލްޤުހެޔޮ ހަރުދަނާ، ވިސްނުންތެރި ހުނަރުވެރިން ބިނާކުރުމަށް ޤައުމީ ޔުނިވާސިޓީއިން ކުރައްވާ މަސައްކަތަކީ ޤައުމު ބިނާކުރެއްވުމުގެ މަސައްކަތް ކަމަށް ވަޒީރު އާދަމް ނަޞީރު ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް